ލާމު ޕަރީފެންގަނޑު ބަލަން ޕްލެޓްފޯމެއް ހަދަން ނިންމައިފި
ދެންމެ | 13 އޮކްޓޯބަރ 2024

ލ. ގަމުގައި ހިމާޔަތް ކޮށްފައި އޮންނަ ސަރަހައްދެއް ކަމަށްވާ ބޮޑަ ފެންގަނޑަ (ޕަރީފެންގަނޑު) ގައި ވިއުއިން ޕްލެޓްފޯމެއް ހަދަން ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ޖަމްއިއްޔާއަކާ ހަވާލުކޮށްފި އެވެ.

ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންވަޔަރްމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް އިއްޔެ ވަނީ ޕަރީ ފެންގަނޑަށް ޒިޔާރަތް ކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ހިމާޔަތް ކޮށްފައިވާ އެ ސަރަހައްދުގައި ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީ (ޖީއީއެފް) ގެ ދަށުން ވިއުއިން ޕްލެޓްފޯމެއް އެޅުމަށް ބޭނުންވާ ގްރާންޓް އެހީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް ހަމަޖައްސާދީފައިވާ ކަމަށެވެ.

މި ގްރާންޓުތައް ހަވާލުކުރުމަށް އިއްޔެ ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕަރީފެންގަނޑުގެ އިތުރުން ލ. އަތޮޅުގެ އިތުރު ދެ ރަށެއްގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ތަރައްގީކުރަން ވެސް ވަނީ އެހީ ހަވާލުކޮށްފަ އެވެ. އެއީ މާބައިދޫގައި ހިމާޔަތް ކޮށްފައިވާ ކޯރު ސަރަހައްދާއި ހިތަދޫ ކުޅި ސަރަހައްދެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ، އިއްޔެ ދޫކުރި ގްރާންޓުތަކުގެ ދަށުން މިއިން ކޮންމެ ރަށަކަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށާއި އަދި މި ފައިސާ ބޭނުން ކުރާނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރު ކޮށްފައިވާ މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރަން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގްރާންޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މި ގްރާންޓުތަކަކީ މި ސަރަހައްދުތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ހިފުމަށް ލިބުނު ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މި ގްރާންޓްތައް ރަނގަޅަށް ބޭނުން ކޮށްފިނަމަ މިފަދަ އެހެން ގްރާންޓްތަކާއި މަޝްރޫއުތަކަށް ފުރުސަތު ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖީއީއެފްގެ ގްރާންޓް ހަވާލުކުރި ތިން ސަރަހައްދު ހިމެނޭހެން ލ. އަތޮޅުގެ ޖުމްލަ ހަ ސަރަހައްދެއް ހިމާޔަތް ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.

ޔޫއެންޑީޕީގެ މި ގްރާންޓުގެ ދަށުން އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކު މަރާމާތު ކުރުމަށް ސަރުކާރުން އެމްޔޯޔޫއެއްގައި ވެސް މިދިޔަ ހަފްތާގައި ވަނީ ސޮއިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!