ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ލާމަރުކަޒީ ރައީސެއްކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.
މުހުތާޒް މިހެން ވިދާޅުވީ އެމްޑީޕީން އިއްޔެ ކުރިއަށް ގެންދިޔަ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި މި ސަރުކާރަށް ތައުރީފްކޮށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނަވާ އިރު އޭނާއަށް ދަތިވާ އެއްވެސް ކަމެއް ނެތްކަމަށާއި ބޭނުންވާ ކަންކަން ކުރާނެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ބުނާ ކަމެއްވިއްޔާ ކޮށްދޭކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
މުހުތާޒް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ތިލަވާނީ މިހާ ވަރަށް ކަމަށާއި ރައީސް މުއިއްޒަކީ އޭރުވެސް މިހާރުވެސް ގާނޫނީ ވެރިކަން ނަގަހައްޓަވާ ބޭފުޅެއް ކަމަށެވެ.
ރައްޔިތުންނަށް ކަންކަން ތިލަ ވާނީ މިހާކަންވަރަށް. ރައީސް މުއިއްޒަކީ އޭރުވެސް މިހާރުވެސް ގާނޫނީ ވެރިކަން ނަގަހައްޓަވާ ބޭފުޅެއް. އެމަނިކުފާނަކީ ލާމަރުކަޒީ ރައީސެއް.
ރައީސް މުއިއްޒަކީ ލާމަރުކަޒީ ރައީސެއްކަމަށް ވިދާޅުވަމުން މުހުތާޒް ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމް ކުރައްވާ ރައީސެއްކަމަށެވެ. އަދި އެމަނިކުފާނު ގެންދަވަނީ އެކަން އަމަލީ ގޮތުން ސާބިތުކޮށްދެއްވަމުން ކަމަށްވެސް މުހުތާޒް ވިދާޅުވި އެވެ.