ވޭޕް މަނާކުރުމަކީ ގައުމު ޝުކުރުވެރިވާނެ ނިންމުމެއް: އިހްސާން
ދެންމެ | 14 އޮކްޓޯބަރ 2024

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމި ނިންމެވުމަކީ ތާ އަބަދަށް ގައުމު ޝުކުރުވެރިވާނެ ނިންމުމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ނިންމުމާ ގުޅިގެން މިނިސްޓަރު އިހުސާން ވަނީ ދިވެހި ދަރިން މަސްތުގެ މަގަށް ފަސޭހަކަމާއެކު އަނބުރާލާ ކަމެއްގެ ގޮތުގައި އޮތް ވޭޕް ކުރުން މަނާކުރަން ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ މި ގައުމު ތާ އަބަދަށް ޝުކުރުވެރިވާނެ ގައުމީ ބޮޑު ނިންމެވުމެއް ކަމަށެވެ. އެކަމަށްޓަކާ އިހުސާން ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް މިގޮތަށް ނިންމަވާފައިމިވަނީ ރާއްޖޭގައި ވޭޕްކުރުން ވަރަށް ބޮޑަށް އާންމުވަމުންދާތީ ވޭޕް މަނާކޮށް ދޭން ތަފާތު އެކި ޖަމިއްޔާތަކުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!