ވޭޕް މަނާކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ނިންމެވުމަށް ޑަބްލިއުއެޗްއޯގެ ތައުރީފް!
ދެންމެ | 16 އޮކްޓޯބަރ 2024
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ތައުރީފްކޮށްފިއެވެ.

 ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ.މުޢިއްޒު ހާމަކުރައްވާފައިވަނީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓް ރިޕޯސްޓް ކުރަމުން އެކްސްގައި ކުރި ޕޯސްޓެއްގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައިހުންނަ ޑަބްލިއުއެޗްއޯގެ އޮފީހުން ވަނީ ރައީސް ޑރ.މުޢިއްޒުގެ ނިންމެވުމަށް މަރުހަބާ ކިޔާފައެވެ.

މިގޮތުން ޑަބްލިއުއެޗްއޯއިން ބުނީ، ވޭޕް ބޭނުންކުރާ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު، ހާއްސަކޮށް ޒުވާނުންގެ މެދުގައި މިކަން އާއްމުވަމުންދާއިރު، މިއީ ރާއްޖޭން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޑަބްލިއުއެޗްއޯގެ މި ޕޯސްޓްގައި އެ ޖަމިއްޔާއިން ވަނީ، 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބަކޯ ސާރވޭގައިވާ ގޮތުން ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން، އީ-ސިނގިރޭޓް ބޭނުންކޮށްފައިވާކަން ހާމަވާކަން ފާހަގަކޮށްފައެވެ.

އެ ޖަމިއްޔާއިން މީގެ އިތުރުންވެސް ބުނީ، އިލެކްޓްރޯނިކް ސިނގިރޭޓް، ހޫނުކޮށްފައިވާ ދުންފަތުގެ އުފެއްދުންތައް (އެޗްޓީޕީ) އަދި ނިކޮޓީން ޕައުޗް (އެންޕީ) ފަދަ އާ އަދި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދިޔުމަކީ އެ ޖަމިއްޔާގެ ކަންބޮޑުވުމެއް ކަމަށެވެ.

މީގެ އިތުރުންވެސް ޑަބްލިއުއެޗްއޯއިން ވަނީ ދުންފަތުގެ ހުރިހާ ބާވަތްތަކަކީ ވެސް ގެއްލުން ހުރި ތަކެތި ކަމަށާއި، މި ތަކެތީގެ ސަބަބުން ކެންސަރާއި، ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރުބަލި ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާކަން ފާހަގަކޮށްފައެވެ.

ވޭޕް ރާއްޖޭގައި މަނާކުރުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވިއިރު، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!