އިންޑިއާގެ ކެރެލާއާ ރާއްޖެއާ ދެމެދު ފެރީ ހިދުުމަތް ފަށަން ނިންމައިފި
ދެންމެ | 16 އޮކްޓޯބަރ 2024

ކެރެލާ މެރިޓައިމް ބޯޑުން ކޮއްލަމް ބަނދަރާއި ދިވެހިރާއްޖެއާ ދެމެދު ކްރޫޒް އުޅަނދުފަހަރުގެގެ ޚިދުމަތް ތަޢާރަފްކުރުމަށް ނިންމައިފި އެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ ދަ ނިއު އިންޑިއަން އެކްސްޕްރެސް އިންނެވެ. ރިޕޯޓުގައިވާ ގޮތުން، މި ޚިދުމަތުގައި ދެ ކްރޫޒް އުޅަނދު ބޭނުންކުރާނެ އެވެ. އޭގެ ތެރެއިން އެއް އުޅަނދުގައި 100 ފަސިންޖަރުންނަށް އަދި އަނެއް އުޅަނދުގައި 15 ފަސިންޖަރުންނަށް ޖާގަ ލިބޭނެ އެވެ.

ކެރެލާ މެރިޓައިމް ބޯޑުން އުންމީދުކުރަނީ މި އައު ޚިދުމަތުގެ ސަބަބުން އިޤްތިޞާދީ ގޮތުން އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. މި ޚިދުމަތް ހިންގާނީ އަމިއްލަ އޮޕަރޭޓަރުން ކަމަށާއި، ބޯޑުން އިންފްރާސްޓްރަކްޗަރ އަދި ލޮޖިސްޓިކަލް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

މެރިޓައިމް ބޯޑުގެ އޮފިޝަލަކު ހާމަކުރި ގޮތުގައި، ކެރެލާގެ އަމިއްލަ ދެ ފަރާތަކުން ކޮއްލަމް އިން ކްރޫޒް ޚިދުމަތް ފެށުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވެ އެވެ.

މި ޚިދުމަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނީންޑަކަރާ މެރިޓައިމް އިންސްޓިޓިއުޓްގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގައި ލޭބަރ ޔޫނިއަންތަކާއި، ވިޔަފާރިވެރިންނާއި، އަމިއްލަ އޮޕަރޭޓަރުންނާއި، ބަނދަރު އޮފިޝަލުން ބައިވެރިވާނެ އެވެ.

އިމިގްރޭޝަން ޗެކްޕޮއިންޓެއް ފުރިހަމައަށް ހިންގަން ފެށުމުން، ކޮއްލަމް ބަނދަރަށް ފަސިންޖަރުންނާއި ބޯޓުފަހަރު އައުމާއި ފުރުން ފަސޭހަވެގެންދާނެ އެވެ. މެރިޓައިމް އިމިގްރޭޝަން ބިއުރޯ އަދި ޕޯޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ވަނީ އިމިގްރޭޝަން ޗެކްޕޮއިންޓް (އައިސީޕީ) ގެ މަސައްކަތްތައް ބަލާފަ އެވެ.

ކެރެލާ މެރިޓައިމް ބޯޑުގެ އޮފިޝަލަކު ބުނި ގޮތުގައި، އައިސީޕީ އަދި އޮޕަރޭޝަނަލް ނުވި ނަމަވެސް، ކޮއްލަމް ބަނދަރުން ކްރޫޒް ޚިދުމަތް ފެށުމަށް އޭގެ އަސަރެއް ނުކުރާނެ އެވެ.

މި އައު ޚިދުމަތުގެ ސަބަބުން ކެރެލާ އާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުފަތުރު ފަސޭހަވެ، ދެ ޤައުމުގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!