ވޭޕް ކުރުމުގެ ނުރައްކާ އެނގި އެކަމ ދެކޮޅަށް ބަޔަކު އަޑު އުފުލާތާ އަހަރުތަކެއް ފަހުން ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ދެކޮޅަށްވެސް ބަޔަކު އަޑު އުފުލާ މަންޒަރު ފެނިއްޖެއެވެ. އެހެންނަމަވެސް ގިނައީ މިކަމާއި އެކޮޅަށް ވާކަލާތުކޮށް ސަރުކާރުގެ ނިންމުން ރަނގަޅުކަމަށް ދެކޭ މީހުންނެވެ.
އީ- ސިނގިރޭޓް ދުނިޔެއަށް ތައާރަފްވެ އެކަމަކީ ސިނގިރޭޓުގެ ބަދަލުގައި ބޭނުން ކުރަން ރަނގަޅުއެއްޗެއްކަމަށް މާކެޓު ކުރަން ފެށިއެވެ. ޒާމާނާއި އެއްގޮތަށް ދުނިޔެއަށް އަންނަ ބަދަލުތަކާއި އެކު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގޮތްތަކާއި ބޭނުން ކުރާ ވަސީލަތްތައްވެސް ތަފާތުވެގެން އައިސް އީ ސިނގިރޭޓާއި ވޭޕް އަދި އެކި ނަން ނަމުގައި މި ތަކެތި މަޝްހޫރު ކުރަމުން ދިޔައެވެ.
ހަމައެއާއިއެކު ސިނގިރެޓުން ލިބޭ ގެއްލުމަށްވުރެ ވޭޕަކީ ނުރައްކާ ކުޑަ އެއްޗެއް ކަމަށްވެސް އިޝްތިހާރު ކުރަމުން ދިޔައެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ގައުމުގެ ޒުވާން ޖީލު އެކަމަށް ކަޅި ހުއްޓި އެއީ މުޖުތަމައުގެ ތެރޭގައި “ކޫލް” މީހުން ކުރާ ކަމަކަށްވެ އެ ވަބައިގައި ޖެހުމެވެ. ވޭޕް ކުރުމަކީ “ސަޅި” ކަމަކަށްވެ އެކަން ނުކުރާ ކުއްޖާއަކީ މުޖުތަމައުގެ ތެރޭގައި ބަލައިގަންނާނެ މީހަކަށް ނުވާކަމުގެ އިހުސާސް ކޮށްދެން ފެށުމެވެ. ޒަމާނުއްސުރެވެސް ދިވެހީންނަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް މާ ގަޔާވާ ބައެކެވެ. ކުރީ ޒަމާނުން ފެށިގެންވެސް ގުޑު ގުޑާ، ބިޑި، ދުފުމަށް ދުންފަތް ބޭނުން ކުރުމަކީ އޮންނަ ކަމެކެވެ.
މިހާރުވެސް ހަމަ އެތަކެތި ޒަމާނީ ސިފަ ސިފައިގައި އެބަހުއްޓެވެ. ގެއްލުން ވަނީވެސް ހަމަ އެއް މިންވަރަކަށްށެވެ. ނުވަތަ އެއަށް ވުރެ ބޮޑަށެވެ. މިސާލަކަށް ބުނާ ނަމަ ކުރިން ބޭނުން ކުރާ ގުޑުގުޑާގެ ބަދަލުގައި މިހާރު ބޭނުން ކުރަނީ “ޝީޝާ” އެވެ. ސިނގިރޭޓުގެ ބަދަލުގައި އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަރައިޒަރ އެވެ. އަދި ދުންފަތުގެ ބަދަލުގައި އެމީހަކު ހިތް ރުހޭ ބޭނުން ކޮންމެ ފްލޭވާރ އެކެވެ. އަދި އިތުރަށް އެއްޗެއް އެއް ކުރާނަމަ އެކަމަށް ދެވި ހިފުމަށްޓަކައި “ނިކޮޓިންގ” ކިޔާ މާއްދާކެވެ.
މިކަމުގެ ގެއްލުން ތަކުގެ ވާހަކަ ދައްކާނަމަ ނުވަތަ ބަލާލަން ބޭނުންވާ މީހާއަށް ވެސް މާބޮޑެތި ކަންކަމެއް ކުރާކަށް ނުޖެހެއެވެ. އިންޓަރނެޓުގައި މިކަމާއި ގުޅިގެން އެންމެ ބަހެއް ޖަހާލި ކަމުގައި ވީނަމަވެސް ފެންނާނީ މި ކަމުން އިންސާނާގެ ހަށިގަނޑަށް ކުރާ ނުރައްކާއެވެ. މިއިކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫނެވެ. ވޭޕް ކުރާއިރު މީގައިވާ އެކި މާއްދާތަކަށް ބަލާއިރު ނިކޮޓިން، ގްލިސެރޯލް އަދި ޕްރޮޕިލޭން ގްލައިކޮލް ފަދަ ކެމިކަމްތައް ހުރެެއެވެ.
އެމެރިކާ ސަރުކާރުގެ ރަސްމީ ވެބްސައިޓެއް ކަަމަށްވާ ނޭޝަނަލް ސެންޓަރ ފޯ ބަޔޯޓެކްނޮލޮޖީ އިންފޯމޭޝަންގައި ވާ އާޓިކަލްއެއްގައި ބުނާ ގޮތުން އީ-ސިނގިރޭޓުގައި ނިކޮޓިން ލެވެލް ހުންނަނީ ވަރަށް މަތީގައެވެ. އެކަމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ނުކުރާމީހުން ވެސް އެކަން ކުރުމަށް އޮންނަ ފުރުސަތު ބޮޑުވެގެން ދާކަމަށް ވަނީ ބުނެފައެވެ.
ރާއްޖެއަށް ބަލާއިރު މި ކުޑަ މުޖުތަމައުގައިވެ ސް ކޮންމެ ތިން މީހަކުން އެކަކަކީ ދުންފަތުގެ އިސްތިއުމާލު ކޮންމެވެސް ސިފައެއްގައި ކުރާ މީހެކެވެ. ޑައިރެކްޓް ސްމޯކާސް ނުވަތަ ސެކަންޑް ހޭންޑް ސްމޯކާސްއެވެ.
އެންމެ ފުރަތަމަ ރާއްޖެއަށް މިތަކެތި އެތެރެ ކުރާ މިންވަރަށް ބަލާއިރު ކަސްޓަމްސްގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2018 އިން ފެށިގެން މިދިޔަ އަހަރުގެ ޖުލައި މަހާއި ހަމައަށް 1.24 މިލިއަން ރުފިޔާގެ ވޭޕާއި އީ- ސިނގިރޭޓް އެތެރެ ކޮށްފައިވެއެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ އަމައަށް ހުރީ 19.7 މިލިއަން ރުފިޔާގައި ކަމަށް ވާއިރު 2018 އިން ފެށިގެން 2023 އާއި ހަމައަށް ބަލާއިރު 104 މިލިއަންގައި އެ އަދަދު ހުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
2019 ވަނަ އަހަރު ޑަބްލިޔުއެޗްއޯ އިން ނެރުނު ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި 2011 އިން ފެށިގެން 2019 އާއި ހަމައަށް އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންގެ ތެރެއިން 45.7 އިންސައްތަ ކުދިންނަކީ ކޮންމެވެސް ކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރާ ކުދިންނެވެ. އަދި އޭގެތެރެއިން އީ ސިނގިރޭޓް ބޭނުންކުރާ ކުދިންގެ ނިސްބަތަކީ 17 އިންސައްތައެވެ. އޭގެތެރެއިން 23 އިންސައްތަ އަކީ ފިރިހެން ކުދިންނަށް ވާއިރު 10 އިންސައްތައަކީ އަންހެން ކުދިންނެވެ.
މިހާރަށް ބަލާއިރު ވެސް ވޭޕް ކުރުމުގެ މައްސަލަ ބޮޑުވެ 215 ސްކޫލެއްގެ ޕީޓީއޭއަކުން ވަކީ ވޭޕު މަނާކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް މައްސަލަ ހުށައަޅައިފައެވެ. އަދި މީގެއިތުރުން ޕޭވްގެ ޒަރިއްޔާއިން ރާއްޖެއަށް ކެނެބިސް ފަދަ ޑްރަގްތައް އެތެރެ ކުރުންވެސް އޮތީ އާންމު ކަމަކަށް ވެފައެވެ.
ދާދިފަހުން ރާއްޖެއަށް “ވޭޕް އޮއިލްގެ ނަމުގައި އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ޝިޕްމެންޓެއްވެސް ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައެވެ. އަދި އެމެރިކާ ސަރުކާރުގެ ރަސްމީ ވެބްސައިޓެއް ކަަމަށްވާ ނޭޝަނަލް ސެންޓަރ ފޯ ބަޔޯޓެކްނޮލޮޖީ އިންފޯމޭޝަންގައި ވާ އާޓިކަލް ބުނާގޮތުގައި ވޭޕިންގެ ޒަރީއާއިން ކެނެބިސްފަދަ މަސްތުވާތަކެތި އެތެރެ ކުރުމާއި ބޭނުން ކުރުން ވަނީ އިތުރުވެފައެވެ.
އެހެންކަމުން ރާއްޖޭގައި ގައުމު ކުރިއަރުވަން ގައުމުގެ މަތީ މަގާމުތަކުގައި މާދަން ތިބޭނެ މިއަދުގެ ޅަ ކުދިން ހަލާކުވިޔަ ނުދިނުމަށްޓަކައި ދުމާއި ދުންފަތުގެ އިސްތިއުމާލު ކުރާ އެކި ވަސީލަތްތައް މަނާކުރުމަކީ ސަރުކާރަކަށް އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅެވެ. މިއަދުގެ ޒުވާން ޖީލު މި ވަބާއިން ސަލާމަތް ކުރުމަށްޓަކައި މިއީ ކޮންމެހޭންވެސް ކުރަންޖެހިފައި އޮތް ކަމެކެވެ.