ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސްގެ މަގާމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗް ގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު އައްޔަންކޮށްފިއެވެ.
ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެ މަގާމުތަކަށް މި ދެބޭފުޅުން އައްޔަންކުރީ މިހާރު ކުރިޔަށް ދާ އެޕާޓީގެ ސެނެޓްގެ ކުއްލި ބައްދަލުވުގައެވެ.
މިހާރު ކުރިޔަށްދާ ބައްލަވުމުގައި ރިޔާސަތު ބަލަހައްޓަވަނީ ޑރ. ހަލީލާއި ހަލީމްގެ އިތުރުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންނެއެވެ.
ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ސެނެޓަރުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ ކީއްވެގެން ކަމެއް އެޕާޓީއަކުން ނުބުނެ އެވެ.
އެހެން ނަމަވެސް ބައްދަލުވުން މި ބާއްވަނީ އެ ޕާޓީ އުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެ އަޑު ފެތުރުފައިވަނިކޮށެވެ. އަދި މިއަދުގެ އެޖެންޑާގައި ހިމަނާފައިވަނީ ޕާޓީ އުވާލުމުގެ މައްސަލަ ކަމަށް ސެނެޓުގެ ބައެެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. ޕީޕީއެމާއި ޕީއެންސީ ހިންގަމުން އައި ޖޮއިންޓް އެއް ޕާޓިއެއްގެ ގޮތުގައެވެ. އަދި ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރީ ކޯލިޝަނެއްގެ ގޮތުގައެވެ.
ޕީޕީއެމްގެ ހިންގާ ގަވާއިދުގައި ބުނާގޮތުން އެޕާޓީ އުވާލެވޭނީ ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށް ފަހު ޕާޓީ އުވާލަން ފެންނަކަމަށް ސެނެޓުގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ އެވެ.