ސަރުކާރު ހަމަމަގަށް އެޅުވުމަށް އެމްޑީޕީން މަގުމައްޗަށް ނިކުންނަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ސަރުކާރުން ބުނިހާ ގޮތެއް ހަދައިގެން ދައުލަތުގެ ހުރިހާ ބާރުތަކެއް މުތުލަޤަށް ދީގެން އަހަރެއްހާ ދުވަސް ތިބެވިއްޖެކަމަށާއި ވީ އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން އެދެވޭ އެއްވެސް ހެޔޮ ބަދަލެއް ނުގެނެވޭ ކަމަށެވެ. މައުރޫފް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން ތިބީ ސަރުކާރުން ހިންގާ ވައްކަންތައް ބަލަން ކަމަަށާއި ރައްޔިތުން މެދުގައި އޮތީ ބިރުވެރިކަން ކަމަށް މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނިކުމެ ސަރުކާރުން ހަދަމުންދާ ގޯސްތަށް ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށެވެ.
”އެމްޑީޕީން މަގުމައްޗަށް ނިކުމެ ރަައްޔިތުންނަށް ވިސްނައިދޭން އެބަޖެހޭ ގޯސްކޮށްކަން ކަންތައްތައް ދަނީ، ރައްޔިތުން އަޅުގަނޑުމެންނާ ދިމާލަށް މިބުނަނީ ހާދަހާ ގޯހޭ ކިހެނެއްހޭ މިވަނީ، އެމްޑީޕީން ނިދާފައޭ، އެމްޑީޕީ މިއޮތީ ހޭލާ، މިދަނީ އެވާހަކަ ދައްކަމުން އެމްޑީޕީން މިދަނީ ކަންބޮޑުވުން ފާޅުކުރަމުން އެހެން ނަމަވެސް ރައްޔިތުން ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށްޓަކައި ނުކުންނަންޖެހޭ ވަގުތު މިހާރު މިއޮތީ އައިސްފައި އަޅުގަނޑުމެން މަގުމައްޗަށް ނިކުމެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މިހިނގާ ގޯސް ހުއްޓުވުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ވަގުތު މިހާރު މިއޮތީ އައިސްފައި“ މައުރޫފް ވިދާޅުވިއެވެެ
މީގެ އިތުރުން މައުރޫފް ވިދާޅުވީ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމަށެވެ. އެއީ ތަރައްގީގެ މަޝްރޫއުތަށް ހުއްޓި ރަށްރަށުގައި ޕްރޮޖެކްޓްތައް ނުހިގާތީ ކަމަށް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވިދާޅުވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް އެކަން ފެންނާނެ، މަޖިލިސް ތެރޭގައި ކޯޅުންގަނޑު ފެންނާނެ، މާގިނަ ދުވަސްތަކެއް ނެތި ޕީއެންސީގެ މަޖިލިސް މެންބަރުން ބައިބައިވެގެންދާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން“ މައުރޫފް ވިދާޅުވިއެވެ.