ރާއްޖެއަށް 4.5 ބިލިއަން ޑޮލަރު ވަދޭ: ބޭންކުތަކަށް ލިބެނީ 2 ބިލިއަން
ދެންމެ | 19 އޮކްޓޯބަރ 2024

ރާއްޖެއަށް އަހަރަކު 4.5 ބިލިއަން ޑޮލަރު ވަންނަ ނަމަވެސް މީގެ ތެރެއިން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަނީ 2 ބިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މި މައުލޫމާތު ގަވަރުނަރު ހާމަކުރެއްވީ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެމްއެމްއޭއިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައެވެ.

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، ބޭންކިންގ ނިޒާމަށް ވަންނަ 2 ބިލިއަން ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް ލިބެނީ އެންމެ 23 ޕަސަންޓު ކަމަށެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށްޓަކައި އެމްއެމްއޭއިން ވަނީ އަލަށް ބޭރު ފައިސާއާ ބެހޭ ގަވާއިދެއް ތައާރަފުކޮށްފައެވެ.

އާ ގަވާއިދުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ”ކެޓަގަރީ އޭ“ ގެ ވިޔަފާރިތަކުން މަހަކު އެ ރިސޯޓަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެއެވެ. މި ގަވާއިދުގެ ސަބަބުން ރާއްޖެއަށް ވަންނަ ޑޮލަރުގެ ތެރެއިން ނިޒާމުގެ ތެރެއަށް ނުވަދެ ”ނުރަސްމީ ބާޒާރަށް“ ދޫވާ އަދަދު މަދުކުރެވި، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުވާނެ ކަމަށް ގަވަރުނަރު އުންމީދުކުރައްވައެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވީ، މި އާ ގަވާއިދުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް އަންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގުތިސާދަށް ވަރަށް މުހިންމު ބަދަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!