މަޖިލީހުގެ މީޑިޔާ ޑައިރެކްޓަރ ޒިޔާއު މަގާމުން ވަކިކޮށްފި
ދެންމެ | 22 އޮކްޓޯބަރ 2024

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު، އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ބައެއް ނޫސްތަކަށް ވިދާޅުވީ، ޒިޔާއު މަގާމުން ވަކިކޮށްފައިވާކަމަށް ދެކެވޭ ވާހަކައަކީ ތެދެއް ކަމަށާއި އޭނާ މަގާމުން ވަކިކުރީ ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުމުގެ ސަބަބުން ކަމަށެވެ.

ނަމަވެސް، އޭނާ މަގާމުން ވަކިކުރީ ކޯޑް އޮފް ކޮންޑަކްޓާއި ގުޅޭ ކޮން މައްސަލައެއްގައި ކަމެއް ނިއުޝާ ވިދާޅުވެފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިޔާއު މަގާމުން ވަކި ކުރުމުން އޭނާ މިހާރުވަނީ މަޖިލީހުގެ އިދާރާގެ ރަސްމީ ވައިބަރ އަދި ވަޓްސްއެޕް ގްރޫޕްތަކުން ވެސް ނެރެފައެވެ.

ވަޒީފާއިން ވަކިކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ޒިޔާއު ވިދާޅުވީ ޕާލަމެންޓަރީ ސަރވިސްގެ ގަވާއިދާ ޚިލާހަށް އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލައި، އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގުސަދުގައި ޕާލަމެންޓަރީ ސަރވިސްގެ ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން ޒާތީ ހަސަދަވެރިކަމެއް ފިލުވުމަށް ކަމަށެވެ.

”ޚާއްޞަކޮށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއާއި، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދާއި، ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެމެވެ.“ ޒިޔާއު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއިކުރުމަށް އެންގުމުން އޭނާ އެކަމަށް ދެކޮޅުހެދުން ވެސް އެއީ ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ފާހަގަ ވެފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!