ވޭޕް މަނާ ކުރުމުން އިންވެސްޓަރުންނަށް މިލިޔަނުން ބަދަލުދޭން ޖެހިދާނެ: އެމްޑީޕީ ގަފޫރު
ދެންމެ | 22 އޮކްޓޯބަރ 2024

ވޭޕް މަނާކުރުމުން އިންވެސްޓަރުންނަށް ބަދަލު ދޭންޖެހިދާނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މި ވާހަކަ އޭނާ ދެއްކެވީ ދުންފަތާއި އީ-ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގައި ބަހުސްކުރަމުންނެވެ.

މެންބަރު ގަފޫރު ވިދާޅުވީ ރާއްޖޭގައި ވޭޕް ވިއްކުމަށް އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަށް ވާނެ ގޮތަކާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އެފަރާތްތަކަށް ސަރުކާރުން ބަދަލު ދެވިދާނެތޯ ބަލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”މިއަދު އަޅުގަނޑުމެން ވޭޕް މަނާކުރާއިރުގައި ރާއްޖޭގައި މިކަމަށް އިންވެސްޓް ކޮށްފަ ތިބި ފަރާތްތައް އެބަތިބި. އެބޭފުޅުންނަށް ހަމަ މާދަމާ ފިހާރައިގައި ތަޅު އަޅުވާލާފާ އޭގެ ބަދަލެއް ދެނެތޯ ނުވަތަ ނުދޭނެތޯ ވެސް އެއީ ހަމަ ވިސްނާލަންޖެހޭ ކަމެއް,“ މެންބަރު ގަފޫރު ވިދާޅުވި އެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ބޮޑުވުމާއެކު ޓެކްސް ބޮޑުކުރުމުން ރައްޔިތުންނަށް ބުރަ ބޮޑުވެދާނެ ކަމަށް ވެސް މެންބަރު ގަފޫރު ވިދާޅުވި އެވެ. ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ 40 ޕަސަންޓަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވަނީ އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީ 200 ޕަސަންޓު ބޮޑުކުރުމަށެވެ. އަދި އެ ތަކެތީގައި އަޅާ ފްލޭވާ އާއި ކެމިކަލްއިން ނަގާ ޑިއުޓީ 50 ޕަސަންޓު ބޮޑުކޮށް، މިލިލީޓަރަކަށް 8 ރުފިޔާ ނެގުމަށް ވެސް ހުށަހަޅާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!