ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން މަނާކޮށްފައިވާ ކެފޭ ރެސްޓޯރެންޓް ނުވަތަ އެނޫންވެސް ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ އެތަނެއްގެ ވިޔަފާރިކުރުމުގެ ހުއްދަ ބާތިލުކުރާގޮތަށް ގާނޫނު އިސްލާހުކުރަން މަޖިލީހަށް ބިލު ފޮނުވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި އެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.
”މުޅިން މަނާކޮށްފައިވާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްފިނަމަ، އަދި އެ ތަަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތަނެއް ނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތާ މެދު ފިޔަވަޅު އެޅުމުގެ އިތުރުން، އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވޭ،“ ގާނޫނަށް އިތުރު ކުރާ މާއްދާއެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ދީފައިވާ އެފަދަ ތަންތަނުގައި، ހުއްދަ ދީފައިވާ ގަވާއިދާހިލާފަށް ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތަނެއް ނަމަ، އެތަނުގައި އެކަންކުރި ފަރާތާއި އެތަނުގެ ވެރިފަރާތާއި އެތަން ހިންގާ ފަރާތާ މެދު ފިޔަވަޅު އެޅުމުގެ އިތުރުން އެތަނުގެ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާއި ބާތިލުކުރެވޭނެ ކަމަށްވެސް ބިލުގައި ހިމަނާގައިވެއވެެ.
ބިލުގައިވާ ގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައިވާ އެއްވެސް އެއްޗެއް 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަ ކުއްޖަކަށް ވިއްކައިގެންނުވާނެ ކަމަށާއި އަދި އެފަދަ ފަރާތެއް ދުންފަތާ ބެހޭ މުއާމަލާތެއްގައި ބައިވެރިކޮށްގެންވެސް ނުވާނެއެވެ.
ބިލުގައިވާ ގޮތުން ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުމަކީ ނުވަތަ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުމަކީ މަނާ ކަމެކެވެ.
ދުންފަތުގެ ގަހާއި ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެ ނޫން ވެސް ބައެއް ރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެއް ކަމަށްވެސް ބިލުގައިވެއެވެ.