ޗާގޯސް މައްސަލައިގައި ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ މި ސަރުކާރުން ބާތިލުކުރަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުން ކަނޑުގެ ބައެއް ވިއްކާލުން ނުވަތަ ދޫކޮށްލާފައި އޮތުމުން އެ ގެއްލުނުބައި ހޯދުމަކީ ރައީސް މުއއިްޒު ވައުދެއް ކަމަށާ އެއީ ޗާގޯސްގެ ވަހަކަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެ މައްސަލައިގައި މަސައްކަތް ކުރަން ޖެހެނީ ދެ ދިމާއަކުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެއް ދިމާއަކީ ފަންނީ މީހުންގެ ލަފަޔާ އިރުޝާދު ހޯދައިގެން ގެއްލުނު ކަނޑުގެ ބަޔާ އަދި ކްލެއިމްކޮށްގެން ޗާގޯސް ކްލެއިމްކޮށްގެން ހޯދުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މޮރިޝަސްއަށް ވުރެ ބޮޑަށް ރާއްޖެއަށް ޗާގޯސްގެ ހައްގު އޮންނަކަން ހާމަވާ އެތައް ލިޔެކިޔުމެއް އެބަހުރި ކަމަށެވެ.
އެހެންކަމުން ރައީސް މުއިއްޒު އެންމެ ފުރަތަމަވެސް ކުރަން ޖެހޭ ކަމަކީ މޮރިޝަސްގެ ބޮޑު ވަޒީރަށް ކުރީ ސަރުކާރުން ފޮނުވި ސިޓި ބާތިލުކުރުން ކަމަށާ އަދި އެއަށް ފަހު އިޓްލޮސްއަށް ރާއްޖޭގެ ރިޒަވޭޝަން ހުށަހެޅުމަށް ފަހު އައިސީޖޭގެ ނިންމުންވެސް ރިވައިސްކުރަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް މުއިއްޒު އެންމެ ފުރަތަމަ ހުށަހަޅަންވީ ޗާގޯސްގެ މައްސަލަ ބާތިލުކުރަން. އެންމެ ފުރަތަމަވެސް ކުރަން ޖެހޭ ކަމަކީ މޮރިޝަސްގެ ބޮޑު ވަޒީރަށް ކުރީ ސަރުކާރުން ފޮނުވި ސިޓި ބާތިލުކުރުން. އިޓްލޮސްއަށް ރާއްޖޭގެ ރިޒަވޭޝަން ހުށަހެޅުމަށް ފަހު އައިސީޖޭގެ ނިންމުންވެސް ރިވައިސްކުރަން ޖެހޭ
– ރައީސް ޔާމީން
ރައީސް ޔާމީން ވަނީ ކުރީ ސަރުކާރުތަކުން ދެމެހެއްޓި ޗާގޯސް މައްސަލަ އެމްޑީޕީ ސަރުކާރުން ދޫކޮށްލުމުން އެ މައްސަލަ މި ސަރުކާރުން ނުބަލައިގެން އުޅެނީ ކީއްވެތޯ އައްސަވާ ސުވާލެއްވެސް އަމާޒުކުރައްވާފައެވެ. އަދި ވިދާޅުވީ އެއީ ގައުމަށް ވެފައިވާ ބޮޑޫ ގައްދާރުކަމެއް ކަމަށާ އެކަން ނުބަލާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.