“އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުން“ ދިވެހި ބަހުގައި ބޭނުންކުރުމުގައި މާނަކޮށްފައި އޮންނަނީ، ތިމާ ވަޒީފާ އަދާކުރާތަނެއްގެ ފައިސާ މުދާ ނުވަތަ ޚިޔާނާތްތެރި ގޮތުގައި ބޭނުންކޮށް އުޅުމުން އެފަދަ މީހުނާމެދު ބުނެއުޅޭ ބަހެއްގެ ގޮތުގައެވެ.
މިއަދު އަޅުގަނޑުމެންނަށް ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއިން ފެންނަ އެއް މަންޒަރަކީ ކުރީގެ ރައީސްކަން ކުރެއްވި ރައީސަކު ކުރީގެ ޕާޓީއަށް ގޮންޖައްސަވައި ހެއްދެވި އައު ޕާޓީގެ އޮފީހުގައި އިންނަވައި މަދު މީސްކޮޅަކާއެކު ބާއްވަވާ ބައްދަލުވުންތަކެއްގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ އަށާއި، އަދުގެ ސަރުކާރާއި ދައުލަތުގެ ވެރީންނާއި ނިމުނު ސަރުކާރުގެ ވެރީންނަށް ވެސް ރައްދުކުރަށްވައި އެ ރައީސް ވަރުގެ މައުސޫމް ބޭފުޅަކު ނެތްކަމަށް ހާމަކޮށްދެއްވަން އުޅުއްވާ މަންޒަރެވެ.
އެހެންކަމުން އެމަނިކުފާނުގެ މައުސޫމްކަން ހުރިމިންވަރު ދެނެގަންނަން ބައެއް މައުލުމާތުގެ ތެރެއަށް ފީނާލުން ނުކުތް މައިގަނޑު ނަތީޖާ އާއި އެމަނިކުފާނާއި ގުޅިގެން ދަނީ މި ރިޕޯޓުގެ ސުރުޚީއާއެވެ. އެ ނަތީޖާއަށް ވާސިލްވެވުނު ބައެއް ސަބަބުތައް ތިރީގައި ހިމަނާލާނަމެވެ.
3000 އަކަފޫޓްގެ ގޯއްޗަކާއި 18 ބުރީގެ ގެއެއް
މިވާހަކަ ފަށާއިރު “އެ ރައީސްގެ މައުސޫމް“ ކަން ހާމަކޮށްދެއްވަން އެހެން މީހުންގެ ނެތިނުބައި މޮށިހައްދަވައި، ހަޖޫޖައްސަވައި ހައްދަވަނީ ވެރިކަމަށް ވަޑައިގެންނެއިރު އެކައުންޓްގައި ފައިސާއެއް ނެތް ނަމަވެސް، ވެރިކަމުގެ ފަސް އަހަރު ތެރޭގައި މާލޭގެ އެންމެ ޕްރައިމް ލޮކޭޝަނުން 3000 އަކަފޫޓްގެ ގޯއްޗެއް މިލްކުކުރަށްވައި، އެތަނުގައި އެޅުއްވި 18 ބުރީގެ ގެއިގެ ބުރިއެއްގައި ހައްދަވާފައިވާ “ފްރަންޓް އޮފީސް“ގައި އިންވައިގެންނެވެ.
އެ ރައީސް އިންތިޚާބުވެވަޑައިގަތީ 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުންނެވެ. އެ އިންތިޚާބު ކާމިޔާބުކޮށް ދިނުމުގައި ރެޔާދުވާލު އަތްވާއި ވާރޭގައި މަރުދެއްވި ބޭފުޅުން ކިޔުއްވައިދެއްވާފައިވާގޮތުންނަމަ އެ ރައީސް އޭރު ތުރުކުރަށްވަނީ ވެސް ދެތިން ގަމީހެވެ. އެ ރައީސްގެ ނިކަމެތިކަމުގެ ކުޑަ މިސާލަކަށް މިކަން ފުދެއެވެ. އެ ރައީސްގެ ދައުރުގައި 3000 އަކަފޫޓްގެ ގޯއްޗެއް މިލްކުކުރަށްވައި 18 ބުރީގެ ގަނޑުވަރެއް ބިނާކުރެއްވީ ކޮންތާކުން އައި ފައިސާއެއްކަން ވިސްނާވިސްނާވެސް ނޭނގުނުކަމަށް ކުރީން އެ ރައީސްގެ ވަރަށް އަރިސް ބޭފުޅުން ވިދާޅުވަނީ އެހެންވެއެވެ.
ރިޔާސީ ކެމްޕޭނަށް އެއް މިލިއަން ޑޮލަރުގެ ހަދިޔާއެއް
އެ ރައީސްގެ މައްޗަށް ދިވެހިރާއްޖޭގެ ކްރިމިނަލްކޯޓުގައި ހިންގި އެއް ދެ ޝަރީއަތަކީ މަނީ ލޯންޑްރިންގެ މައްސަލައެއްގެ ޝަރީޢަތާއި، ރިޝްވަތު ނެންގެވިކަމަށް ބުނެ ހުށަހެޅުނު މައްސަލައެއްގެ ޝަރީޢަތެވެ. އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ސާބިތުވި ނަމަވެސް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ޙުކުމް ކޮށްފައިވާއިރު، އެ ރައީސް މި ޝަރީޢަތްތަކުގެދިފާޢެއް ގޮތުގައި ނެންގެވި މައިގަނޑު ނުކުތާއަކީ އެ މައްސަލަތަކުގައި ބުނާ 1 މިލިއަން ޑޮލަރަކީ އެމަނިކުފާނުގެ ކެމްޕޭނަށް ލިބިވަޑައިގެންނެވި ފައިސާކަމަށެވެ.
2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި، މި ރައީސްގެ އެކައުންޓަށް 1 މިލިއަން ޑޮލަރުގެ ހަދިޔާއެއް ޖަމާކޮށްފައި ވަނީ 15 ސެޕްޓެމްބަރު 2015 ގައިކަން ހައިކޯޓުގެ އަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ގަޟިއްޔާ އިން އެނގެއެވެ. މި ފައިސާ އެ ރައީސްގެ އެކައުންޓަށް ޖަމާކުރި ޔޫސުފް ނައީމް އެ ފައިސާ ޖަމާކުރުމުގެ ބޭނުމެއްކަމުގައި ލިޔެފައި އޮތީ “ސިޔާސީ ކެމްޕޭނަށް އެހީތެރިވުމަށްޓަކައި“ މިހެންނެވެ.
މިތަނުގައި ބޭނުންވަނީ ޤާނޫނީ ބަހުސެއް ކުރާކަށެއްނޫނެވެ. މިތަނުގައި ދެނެގަންނަން ބޭނުންވީ އެ ރައީސް އެފަހަރު ނުކުންނެވީ ޕީޕީއެމްގެ ޓިކެޓްގައި ކަމަށްވުމުން، އެ ފައިސާ ޕާޓީ އާއި ނުބައްސަވާ އަމިއްލަފުޅު އެކައުންޓަށް ލެއްވީ ކީއްވެތޯ؟ މި ފައިސާ ޕީޕީއެމްގެ އެކައުންޓަށް ވަދެފައިނުވާކަން އެ ޕާޓީގެ 2016،2017،2018 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓްތަކަށް ރިޢާޔަތްކޮށް ހައިކޯޓުގެ ގަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.ހަމައެހެންމެ އަމިއްލަ ފަރާތްތަކުން ކެމްޕޭންގެ ބޭނުމަށް އެ ރައީސްގެ އެކައުންޓަށް ފައިސާއެއް ޖަމާކޮށްފައިނުވާކަން މި ރިޕޯޓުތަކުން އެނގޭއިރު، އެ ރައީސްގެ މާލީ ބަޔާނުގައި ވެސް ޔޫސުފް ނައީމް ކިޔާމީހަކު ފައިސާއެއް ޖަމާކުރިކަން ފާހަގަކޮށްފައިނުވާކަން މި ގަޟިއްޔާގައި ފާހަގަކޮށްފަވެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 37 މާއްދާގެ (ނ) އިން އެނގެން އޮންނަ ގޮތުގައި ހާމަވާން ނޭދޭ ފަރާތަކުން ސިޔާސީ ޕާޓީއަކަށް ދޭ ފައިސާ ނުވަތަ އެހީ ބަލައިގަންނަންވާނީ އިލެކްޝަން ކޮމިޝަނުން ލިޔުމުން ހުއްދަ ހޯދައިގެންކަމަށް ވިޔަސް އެ ރައީސް އެފަދަ ހުއްދައެއް ހޯދާފައިނުވާކަން ޝަރީޢަތުން ފާހަގަކޮށްފަވެއެވެ.
ދިފާޢު ނެގީ ކެމްޕޭނަށް ލިބުނު ފައިސާކަމަށް، އެކަމަކު އެ ފައިސާ އަކީ ޕީޕީއެމްއާއި ބެހޭ ފައިސާއެއްނޫން؟؟؟
އެއިރު އެ ރައީސް އަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބު ކާމިޔާބުކޮށްގެން ހުންނެވި، އެ ޕާޓީގެ ލީޑަރު ވެސް މެއެވެ. އައު ދައުރަކަށް ކުރިމަތިލެއްވީ ވެސް ޕީޕީއެމްގެ ޓިކެޓްގައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ހެދިފައިވާ އިންތިޚާބާބެހޭ ޤަވާޢިދުގައި ކެންޑިޑޭޓުން ކެމްޕޭނަށް ޚަރަދުކުރާ ފައިސާ މެނޭޖްކުރަންވާނެ އުސޫލު ބަޔާންކޮށްފަ އޮވެއެވެ. ކެންޑިޑޭޓެއް ކެމްޕޭނަށް ފައިސާ ޚަރަދުކުރުމަށް، އެކަމަށް ޚާއްޞަ އެކައުންޓެއް ހުޅުވަންޖެހެއެވެ. ކެމްޕޭންގެ ބޭނުމަށް ހޯދާ،ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކުރެވެން ޖެހެނީ މި އެކައުންޓް ތެރެއިންލާފައެވެ. މި ރައީސް، މި 1 މިލިއަން ޑޮލަރުގެ މައްސަލާގައި ޢަމަލުކުރެއްވީ ޤާނޫނުދަންނަ ހަމައަކުންނޫނެވެ. ދިފާޢުގައި އެއީ ސިޔާސީ ކެމްޕޭނަށް ލިބުނު އެހީއެއްކަމަށް ވިދާޅުވެފައިވީނަމަވެސް، ފައިސާ ލެއްވީ އަމިއްލަ އެކައުންޓްތަކަށެވެ. އަދި އެ ފައިސާއިން ނަފާ ހޯއްދަވާފައިވާކަން ވެސް ޝަރީޢަތްތަކުގެ ރިޕޯޓުތަކުން އެނގެއެވެ.
މި ދަންނަވާލެވުނީ ނަޒާހަތްތެރި، އެއްވެސް އައިބެއްނެތް، ވެރިކަން ދިން ރައްޔިތުންނަށާއި، ވެރިކަމަށް ވަޑައިގަތް ޕާޓީގެ މެންބަރުންނަށް ވަރަށް ވަފާތެރި އެ ރައީސްގެ އަމިއްލަ އެދުން ހުރި ހިސާބުގެ ކުޑަ މިސާލެކެވެ. އެހެން މީހުންނާއި ދިމާއަށް އިނގިލިދިއްކުރަށްވައި މޫނުފުޅަށް ރުލެއްވެސް އަރުވައިނުލައްވައި ދޮގުގެ މައްޗަށް ދޮގު ހައްދަވަމުން ގެންދަވާއިރު، އަމިއްލަ އާރާއި ބާރު ހުރި ދުވަހު ކުރެއްވިހާ ވެސް ކަމަކީ އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުންނޫންތޯއެވެ؟