ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވަނީ ސިއްހީ ފަރުވާއާއި އަންހެނުން ބާރުވެރިކުރުމާއި ތައުލީމު ކުރިއެރުވުމުގައި ދުނިޔޭގެ އެއްބާރުލުން ދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.
އެކަމަނާ މިހެން ވިދާޅުވީ މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ އަހަރީ ކޮންފަރެންސްގެ 11 ވަނަ އެޑިޝަންގައި ބޭއްވި ހައި ލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ދެއްކެވި ކީނޯޓް ޚިޠާބުގައެވެ.
ދުނިޔޭގެ ފެންވަރުގައި ދަރިމައިނުވުމުގެ ސްޓިގްމާ ހައްލުކުރުމުގައި މާކް ފައުންޑޭޝަނުން ހޯދާފައިވާ ކާމިޔާބީއަށް ފަސްޓް ލޭޑީ ވަނީ ތައުރީފު ކުރައްވާފައެވެ. ރާއްޖޭގައި ދަރިމައިނުވުން އަދިވެސް އޮތީ ނާޒުކު މައުޟޫއަކަށް ކަމަށާއި، މުޖުތަމައުގެ ބުރަ ބޮޑު އަންހެނުން ކޮނޑުގައި އަޅުވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމްގެ ދަށުން މި ފަރުވާތައް ހުށަހަޅައިގެން އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އާރްޓީ) އަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް މިހާރުގެ އެޑްމިނިސްޓްރޭޝަނުން އަލިއަޅުވާލެއްވި އެވެ.
ފަސްޓް ލޭޑީގެ ޚިޠާބުގައި ވަނީ ދަރިމައިނުވުމާ ބެހޭ ގޮތުން މުޖުތަމަޢުގެ ތަޞައްވުރު ބަދަލުކުރުމަށް އެހީތެރިވެދޭނެ ‘މަންމައަކަށްވުރެ ބޮޑަށް’ ކެމްޕޭން މޯލްޑިވްސްއަށް ތަޢާރަފްކޮށް، އަސަރުކުރާ ފަރާތްތަކަށް ސަޕޯޓް ދިނުމަށް އެދޭކަން ފާޅުކުރައްވާފައެވެ. އަދި ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމުގެ މަސައްކަތްތަކާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ކަށަވަރުކުރުން ފަދަ މުހިންމު އެހެން މައްސަލަތަކަށް ވެސް އަލިއަޅުވާލެއްވި އެވެ.
ފަސްޓް ލޭޑީ މެޑަމް ސާޖިދާ ތަގުރީރު ނިންމަވާލެއްވީ ދުޅަހެޔޮ އަދި ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށް މާކް ފައުންޑޭޝަން އިތުރަށް ދިރާސާކޮށް އެއްބާރުލުން ދިނުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.