މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ދިނުމަކީ އެ މުއައްސަސާތަކުން އެދިފައިވާ ކަމެއް ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު އަދި އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތަކުން މިދިޔަ އަހަރު ރައީސަށާއި އެޓާނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ކަރުދާހެއްގައި، އީސީއާއި އޭސީސީގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރައްވާނީ ރައީސް ކަމަށް ކަނޑައެޅުމަށް ހިމަނައިފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކަރުދާސް ހުށަހެޅީ އޭސީސީއާއި އީސީއާއި އެޗްއާރްސީއެމްއާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުން ކަމަށެވެ.
”އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ގައުމުތަކުން ވެސް އެކަން ކުރަމުން އަންނަގޮތް،“ ހަބީބް ވިދާޅުވިއެވެ.
އޭސީސީއާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ދޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ބިލުތަކެއް ހުށަހަޅައި، އިއްޔެ ވަނީ ފުރަތަމަ ކިޔުން އިއްވައިފައެވެ.
އެ ދެ ބިލުގައި ވާގޮތުން، އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރަން ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ނަން ފާސްކުރަން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އެ އިސްލާހު ފާސްވެ، އަމަލުކުރަން ފެށުމުގެ ކުރިން ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން މަގާމުން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރަނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގެ ނަތީޖާ 28 ގަޑިއިރުތެރޭ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.
އެ އިސްލާހުތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުއައްސަސާތަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، އެފަދަ ބާރުތަކާ ގުޅުންހުރި ބަދަލުތައް ގެންނާނީ އިންސާފު ކަށަވަރުކުރަން ކަމަށް ވިދާޅުވެފައެވެ.
އީސީގެ މެންބަރުކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވީ މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހަށެވެ. އޭނާ ވަނީ އީސީގައި 21 އަހަރު މަސައްކަތް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ރައީސް އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރެއްވީ މިދިޔަ މަހުގެ އަށް ވަނަ ދުވަހެވެ.