ވައި ނުސާފް ވުމުން ހިތް ކުދިކުދި ވެދާނެ!
ދެންމެ | 30 އޮކްޓޯބަރ 2024

ދިރިއުޅޭ މާހައުލުގެ ވައި ނުސާފުވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް މިހާރު ކުރިމަތިވެފައިވާ ކަމަކަށްވީއިރު، މިކަމުގެ ސަބަބުން އެތައް ބަޔަކަށް ދަނީ ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. އަޅުގަނޑުމެންގެ ހަށިގަނޑަށް އެތެރެވާ ނުސާފު ވައިގެ ތެރޭގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އެތައް ބައެއްގެ ފުއްޕާމޭ ހަލާކުވަމުންދާއިރު، މިކަމުގެ ސަބަބުން ހިތުގެ ބަލިތައް ތަހައްމަލު ކުރާ މީހުންވެސް މަދެއް ނޫނެވެ.

އާންމު ގޮތެއްގައި ދިރިއުޅޭ މާހައުލުގެ ވައި ނުސާފުވަނީ ދުއްވާ އުޅަނދުތަކުންނާއި، ފެކްޓަރީތަކުން ބޭރުވާ ތަފާތު އެކިކަހަލަ މާއްދާތައް ވަޔާއި އެކުވުމުންނެވެ. އޭގެ ތެރޭގައި ނައިޓްރިޖެން ޑައޮކްސައިޑާއި ސަލްފާ ޑައިއޮކްސައިޑު ފަދަ ނުރައްކާތެރި ގޭސްތައް ހިމެނެއެވެ. މި ނުރައްކާތެރި މާއްދާތައް ހަށިގަނޑަށް އެތެރެ ވުމުގެ ސަބަބުން ހަށިގަނޑުގެ މަސައްކަތްތަކަށް ބުރޫއަރައި އަޅުގަނޑުމެންނަށް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ.

އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ދިރިއުޅޭ މާހައުލުގެ ވައި ނުސާފު ވުމުގެ ސަބަބުން ޒުވާނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ބަލާއިރު ދިމާވާ ބައެއް މައްސަލަތަކުގެ ތެރޭގައި ހިތުގެ ތެޅުމަށް ބަދަލު އައުމާއި، ހިތުގެ ނާރުތައް ބްލޮކުވުމާއި، ހައިޕާޓެންޝަން އަދި ހާޓް އެޓޭކު ޖެހުން ފަދަ މައްސަލަތައް ހިމެނެއެވެ.

އެހެންކަމުން މިފަދަ ހިތުގެ މައްސަލަތަކުން ދުރުވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި މީހުންނަށް ވައި ނުސާފުވުމުގެ ނުރައްކާ ކިޔައިދިނުމާއި، ބޭރުތެރޭގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން ހިމެނެއެވެ. އަދި ގަވާއިދުން ހެލްތު ޗެކަޕް ހެދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން މީހުން މަރުވާ ސަބަަބަކީ ހިތުގެ މައްސަލަތައް ކަމަށްވީއިރު، ސިއްހަތާމެދު ސަމާލުވުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!