އޮރިޔާންވެގެން ކުރާ ކަމަކުން ލިބޭނެ ކާމިޔާބެއް ނެތް: ރައީސް
ދެންމެ | 30 އޮކްޓޯބަރ 2024

ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން ގައުމަށް ލިބޭނެ ރީތި ނަމެއް އަދި ކާމިޔާބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ރާއްޖެ އިން ބައިވެރިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ މަރިޔަމް ޝައިނާ ނަސީމް ،21، އެވެ.

ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.

މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުމަކީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށާއި އެކަން ބަލައި ނުގަންނަ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.

މިސް ޔުނިވާސް މުބާރާތް އޮންނާނީ އަންނަ މަހުގެ 16 ގައި މެކްސިކޯގެ ވެރިރަށް، މެކްސިކޯ ސިޓީގަ އެވެ.

މިސް ވޯލްޑް ފިޔަައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތް ކަމަށްވާ މިސް ޔުނިވާސް މުބާރާތުގައި 130 އަށް ވުރެ ގިނަ ގައުމުން ވާދަކުރެ އެވެ.

މިސް ޔުނިވާސްގައި ދިވެއްސަކު ވާދަކުރާތީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް އެކަން ކުށްވެރިކޮށް، އެކަން ސަރުކާރުން ހުއްޓުވުމަށް ގެންދަވަނީ ގޮވާލައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!