އުމުރުން ދުވަސްވެ ގައިބާރު ދެރަވާ ދުވަހު ހަންގަނޑު އޮމާންކޮށް، ޒުވާންކަން މަތީ ބަހައްޓައި، ތިމާގެ ޒުވާންކޮށް ފެނުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އެއީ މަދު މީހަކު ނޫނީ ދެކޭނެ ހުވަފެނެކެވެ. އަދި މިކަން ހާސިލް ކުރުމަށްޓަކައި ކޮސްމެޓިކު ޕްރޮސީޖާ ތަކާއި، ބޮޓޮކްސް ފަދަ އެއްޗެހި ބޭނުން ކުރާ މީހުންވެސް މަދެއް ނޫނެވެ.
ނަމަވެސް މިއީ މިހާ ބޮޑު ހަރަދެއް ނުކޮށްވެސް ހާސިލް ކުރެވިދާނެ ކަމެކެވެ. ވަރުގަދަ އަޒުމެއް އޮވެއްޖެނަމަ މިކަން ހާސިލް ކުރުމަކީ ދަތި ކަމަކަށް ނުވާނެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ޒުވާންކަންމަތީ ދެމިހުންނަން ބޭނުންވާނަމަ ސަމާލުވާންވީ 4 ކެމެކެވެ.
ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުން
ޒުވާންކަންމަތީ މުޅި އުމުރުދުވަހު ހުންނަން ބޭނުންވާނަމަ އަތުގެ ހަންގަނޑު ރީތި ކޮށް ބެހެއްޓުމަށް ސަމާލުކަންް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ އެންމެ ފުރަތަމަ މީހުންގެ ލޮލުގައި އަޅައިގަންނަ ގުނަވަންކަމަށް ވުމުން އަތް ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި އަތުގައި ލޯޝަނާއި މީރުވަސްދުވާ ހޭންޑް ކްރީމު އުނގުޅައި ނިޔަފަތިތައް ރީތިކޮށް ބެހެއްޓުން ހިމެނެއެވެ.
ރީތިވާ ސާމާނު ގަންނައިރު ސަމާލުވުން
މޫނުމަތި ޒުވާންކޮށް ބަހައްޓަން ބޭނުންވާނަމަ ރީތިވާ ސާމާނު ގަންނައިރު ސަމާލުވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ރީތިވާ ސާމާނު ގަންނައިރު، ތިބާގެ ހަންގަނޑާ ގުޅޭ ފަދަ އެއްޗެހި ގަތުމަށް ލާރި ހޭދަކުރެވޭތޯ ބަލަން ޖެހެއެވެ.
މަދުމަދުން ފައުންޑޭޝަން އުނގުޅުން
މާ ބޮޑަށް ފައުންޑޭޝަން އުނގުޅާނަމަ މޫނުގެ ހަންގަނޑުގައި ރޫޖެހި ހަންގަނޑު ހަލާކުވެސް ވެދާނެއެވެ. އެހެންކަމުން ޒުވާންކަންމަތީ ދެމިހުންނަން ބޭނުންވާނަމަ މަދުމަދުން ފައުންޑޭޝަން އުނގުޅުމަށް ސަމާލުވާން ޖެހެއެވެ. އަދި ފައުންޑޭޝަން ގަންނަ އިރު އޭގެ މާއްދާތައް ބަލައި ހަންގަނޑާ ގުޅޭ އަދި ލައިޓް ނުވަތަ މީޑިއަމް ކަވަރޭޖު ހުންނަ ފައުންޑޭޝަނެއް ގަންނަން ޖެހެއެވެ.
ފިނިފެން ބޭނުން ކުރުން
ރޯޒް ވޯޓާ ނުވަތަ ފިނިފެނަކީ ހަންގަނޑަށް ދިމާވާ ގިނަ މައްސަލަތައް ހައްލު ކުރުމުގައި އެހީވެދޭ އެއްޗެކެވެ. މި ބޭނުން ކުރާނަމަވެސް މީހާ ޒުވާންކަމަށް ދައްކާނެއެވެ. އެހެންކަމުން މޫނުމަތި ތާޒާކޮށް ޒުވާން ކަންމަތީ ބަހައްޓަން ބޭނުންވާނަމަ ކޮންމެ ދުވަހަކު ފިނިފެން މޫނުގައި އުނގުޅަން ޖެހެއެވެ.