ކީރިތި ޤުރްއާން ކިޔެވުމުގެ ޘަވާބު ބަޔާންވެފައިވާ ޙަދީޘްތަކުގައިވާ ޘަވާބު އެމިންވަރަށް ލިބޭހުށީ ކީރިތި ޤުރުއާން ޢަރަބި ބަހުން ކިޔަވައިގެންނެވެ. ކީރިތި ޤުރްއާނުގެ ތަރުޖަމާތައް ކިޔައިގެން އެ ޘަވާބު އެމިންވަރަށް ޙާޞިލެއް ނުކުރެވޭނެއެވެ.
عن عبد الله بن مسعود رضي الله عنه قال : قال رسول الله صلى الله عليه وسلم :(مَنْ قَرَأَ حَرْفًا مِنْ كِتَابِ اللهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لاَ أَقُولُ الْم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ). أخرجه الترمذي في “سننه”(2910) والحديث جود إسناده الشيخ الألباني في “السلسلة الصحيحة” (3327) .
ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲ ގެ ފޮތުން އަކުރެއް ކިޔަވައިފި މީހަކަށް ހެޔޮކަމެއް ލިބޭހުއްޓެވެ. ކޮންމެ ހެޔޮކަމެއް އޭގެ ދިހަގުނައެވެ. އަލިފްލާމްމީމް އަކީ އެންމެ އަކުރެކޭ ތިމަންކަލޭފާނު ވިދާޅެއްނުވަމެވެ. އެހެނެއްކަމަކު، އަލިފު އެއީ އަކުރެކެވެ. ލާމުއެއީ އަކުރެކެވެ އަދި މީމު އެއީ އަކުރެކެވެ.”
މީހަކު، ކީރިތި ޤުރްއާނުގެ ތަރުޖަމާ، އާޔަތްތައް ފަހުމްކޮށް، އެ އާޔަތްތަކާ މެދު ވިސްނާފިކުރުކޮށް އޭގެން ފައިދާ ޙާޞިލްކުރުމުގެ ނިޔަތުގައި ކިޔަވައިފިނަމަ، އެއީ ޘަވާބު ލިބެނިވި ޢަމަލެކެވެ. ސަބަބަކީ ތަފްސީރު ކިޔުމަކީވެސް ޘަވާބު ލިބޭ ކަމެކެވެ. ތަރުޖަމާއަކީވެސް ތަފްސީރެކެވެ. އެހެންކަމުން ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށްވެސް ކީރިތި ޤުރްއާނުގެ ތަރުޖަމާގައި އަތްލުން އަދި ކިޔެވުންވެސް ހުއްދަވެގެންވެއެވެ.
ޢަރަބި ބަސް ނޭނގޭ މީހުން ކީރިތި ޤުރްއާން ކިޔެވުމުގައި އެންމެ ރަނގަޅު ގޮތަކީ ކީރިތި ޤުރްއާނުގައި ޢަރަބި ބަހުން ހުރި އާޔަތްތައް ކިޔުމާއެކު، އޭގެ ތަރުޖަމާ ނުވަތަ ތަފްސީރުވެސް ކިޔުމެވެ. އެހެނީ، ކީރިތި ޤުރްއާން ބާވައިލެއްވި މަޤްޞަދު ޙާޞިލްވާނީ އޭރުންނެވެ. އެއީ އެފޮތުގައިވާ އާޔަތްތަކަށް ޢަމަލުކުރުމާއި، އެ ފޮތުގައިވާ އާޔަތްތަކާމެދު ވިސްނާ ފިކުރު ކުރުމެވެ.
ވީމާ، ޚުލާޞާއަކީ، ކީރިތި ޤުރްއާނުގެ ތަރުޖަމާ ކިޔުމަކީ ކީރިތި ޤުރްއާން ޢަރަބި ބަހުން ކިޔެވުމަށް އޮތް އަޅުކަމުގެ ބަދަލުގައި ކުރަންއޮތް ކަމެއް ނޫނެވެ. ކީރިތި ޤުރްއާން ކިޔެވުމަށް އައިސްފައިވާ ޘަވާބު ތަރުތީބުވެފައިވަނީ ޢަރަބި ބަހުން ކިޔެވުމުގެ މައްޗަށެވެ. އެހެނަސް، އޭގެ މާނަކިޔުމަކީ ޘަވާބު ލިބެނިވި ޢަމަލެކެވެ. އަދި ކީރިތި ޤުރްއާން ޢަރަބި ބަހުން ކިޔެވުމާއެކު މާނަ ކިޔާނަމަ އޭގެ ޘަވާބު ހަމައެކަނި ޢަރަބި ބަހުން ކީރިތި ޤުރްއާން ކިޔެވުމަށްވުރެ މާ ގިނަވާނެއެވެ. މާތް ﷲ ގެ ރަޙްމަތް ތަނަވަސްވެގެންވެއެވެ.