މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން މި ހިނގާ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހު އެމްއެމްސީއާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން އެ ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ.
އެމްއެމްސީއާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފްއެވެ. އަދި މި ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިންއެވެ.
މި ދެ މުއައްސަސާގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވާ މި ދަނޑިވަޅަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު މުސްތަފާ އެ ކުންފުނިން ވަކިކޮށްފައިވާ ދަނޑިވަޅެކެވެ.
މުސްތަފާ މަގާމުން ވަކިކުރީ މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާއްމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް އެ ހަފްލާ އިންތިޒާމްކުރި ފަރާތުން ދެއްކި މައްސަލައިގައެވެ.
މި ވީޑިއޯއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މީޑިއާއަކުން ތައްޔާރުކުރި ވީޑިއޯއެކެވެ.
އެ ވީޑިއޯއަށް އެވޯޑު ލިބުމާ ގުޅިގެންވެސް ގިނަ ބަޔަކުވަނީ މީޑިއާ ކައުންސިލަށާއި ފަނޑިޔާރުންނަށް ފާޑުކިޔާފައެވެ.