ނުބައި ތަނެއްގައި ޕާކްކޮށްފައި ހުއްޓާ ސްޓިކާއެއް ޖަހައިފި ނަމަ، ބައެއް މީހުންނަށް އެކަން ނެގެނީ، ދައުލަތަށް ފައިސާ ހޯދަން ކުރާ ކަމެއްގެ ގޮތަށެވެ. އަނެއް ބަޔަކު ބުނާނީ ޕާކްކުރާނެ ތަން ދައްކާފައި ދެން ސްޓިކާ ޖަހާށެވެ. އެކަމަކު މާލެ ސަރަހައްދުގައި ވެހިކަލް ޖަމާވެފައި އޮތް ވަރަށް ބަލާއިރު އެކި ހިސާބުތަކުގައި އެވަރަށް ޕާކިން ޖާގަ ދެވެން ނޯންނާނެކަން ވެސް، ވިސްނާލާ ބަޔަކަށް އެނގޭނެ އެވެ.
ކިރިޔާ ވެސް އުނދަގުލެއް ދިމާވެދާނެ ކަމެއް ނަމަ، އެއީ ކިތައްމެ ރަނގަޅު ގަވާއިދެއް ނުވަތަ ގާނޫނެއް ނަމަވެސް، އަހަރެމެންގެ ގިނަ މީހުން ފަށާނީ ހަޅޭއްލަވާށެވެ. އެކަމަކު އެހެން ބައެއް ގައުމުތައް ވަރަށް ތަފާތެވެ.
ޖަޕާން ނަގަމާ ހިނގާށެވެ. ކޮވިޑް-19ގެ ބަންދާ އެކު ޖަޕާންގެ ގިނަ މީހުން އިންޖީނުލީ ވެހިކަލްގެ ބަދަލުގައި ބޭނުންކުރަން ފެށީ ބައިސްކަލް އެވެ. އެކަމަކު ބައިސްކަލް ދުއްވަމުން މޮބައިލް ފޯން ބޭނުންކުރާތީ އެކްސިޑެންޓްތައް ހިނގުން ދަނީ ގިނަވަމުންނެވެ.
އިއްޔެ ޖަޕާންގައި ތަންފީޒުކުރަން ފެށި އާ ގަވާއިދު، އަހަރެމެންނަށް ވެސް ނަމޫނާއަކަށް ނެގިދާނެ އެވެ. އެކަމަކު އެއީ ޒަމާނީ ދިރިއުޅުމުގައި ހުރި ބައެއް އާދަތަކުން އެތައް ނުރައްކަލެއް ދިމާވާކަމާއި ހަރުކަށި އުސޫލުތައް ބޭނުންވާ ކަމަށް ހިތުގެ އަޑިން ގަބޫލުކުރެވޭ ނަމަ އެވެ.
ޖަޕާންގައި ބައިސްކަލް ދުއްވާއިރު ފޯނު ބޭނުންކުރާ ނަމަ ހަ މަސް ދުވަހަށް ޖަލަށް ލުމުގެ ބާރު އެ އޮތީ ދީފަ އެވެ. އޭގެ އިތުރުން 655 ޑޮލަރު (3،550ރ) އިން ޖޫރިމަނާކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
މިހާ ހިސާބުން އަދި ނުނިމެ އެވެ. ފޯނުގައި އިނދެ ބައިސްކަލް ދުއްވަނިކޮށް އެކްސިޑެންޓް ވެއްޖެ ނަމަ 2،000 ޑޮލަރު (30،840ރ) އިން ޖޫރިމަނާކުރުމުގެ އިތުރުން އެއް އަހަރަށް ޖަލަށް ވެސް ލެވެ އެވެ.
ޖަޕާންގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ބައިސްކަލް ދުއްވާ މީހުން ގާނޫނާއި ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ވަގުތު މި އޮތީ ޖެހިފަ އެވެ. ޖަޕާންގެ މީޑިއާއިން ބުނީ މިދިއަ އަހަރު 72،000 ބައިސްކަލް އެކްސިޑެންޓް ހިނގި އެވެ. މިއީ ޖަޕާންގެ މަގުމަތީ އެކްސިޑެންޓްގެ %20 އެވެ.
މި އަހަރުގެ މެދާ ހިސާބަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ފޯނު ބޭނުންކުރަމުން ބައިސަލް ދުއްވުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގައި އެކަކު މަރުވެ، 17 މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
އެހެން ގިނަ ގައުމުތަކާ ހިލާފަށް ޖަޕާންގެ ދުވާރުމަތީގައި ބައިސްކަލް ދުއްވުމުގެ ހުއްދަ އޮވެ އެވެ.
ޖަޕާން މަޝްހޫރުވެފައި އޮންނަނީ ސާފުތާހިރު، ކަންކަން ތަރުތީބު އަދި ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގަ އެވެ.