ރާއްޖޭގެ ސީ ޓު އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް ބަންގްލަދޭޝްގައި އުފައްދާ އަންނައުނު ޔޫރަޕުގެ ގައުމުތަކަށް ފޮނުވަން ފަށައިފި އެވެ.
މި ހިދުމަތް ފެށުމާ ގުޅިގެން އޮކްޓޯބަރު މަހު އެކަނި 96 ކޮންޓެއިނަރުގެ މުދާ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިސްމާއިލް ވިދާޅުވި ގޮތުގައި މި ހިދުމަތަކީ ކަނޑު މަގުން ރާއްޖެއަށް އަންނަ މުދާ ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މި ހިދުމަތް ފެށުމަށް ޓާކިޝް އެއާލައިންސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މި އަހަރުގެ މާޗް މަހު އެވެ.
ވަޖީހު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުނު ފަހުން އޭގެ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. މިހާރު މި މަސައްކަތުގައި ރާއްޖެއަށް ދަތުރުކުރާ ހަތް އެއާލައިނަކުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ބަންގްލަދޭޝްގެ ގާމެންޓު އިންޑަސްޓްރީގެ ބޮޑު ބައެއް ޔޫރަޕަށް ފޮނުވަމުން އައީ އިންޑިއާ އާއި ސްރީލަންކާ މެދުވެރިކޮށެވެ.
ރާއްޖޭގައި މި ހިދުމަތް އިތުރަށް ފުޅާކުރުމަށް އެމްޕީއެލްގެ ޓީމަކާއި އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަނީ ބަންގްލަދޭޝްގެ ޗިޓަގޮންގަށް ޒިޔާރަތްކޮށް އެ ގައުމުގެ ގާމެންޓު ފެކްޓަރީތަކުގެ ވެރިންނާ ބައްދަލުކޮށްފަ އެވެ. ވަޖީހު ވިދާޅުވި ގޮތުގައި މި މަޝްވަރާތަކުން އެނގުނު ގޮތުގައި މި ހިދުމަތް ރަނގަޅަށް ދެވިއްޖެ ނަމަ މަހަކު 400 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެ މެދުވެރިކޮށް ފޮނުވުމުގެ ފުރުސަތު އެބައޮތެވެ.
ނަމަވެސް ރާއްޖޭގައި މި ހިދުމަތް ފުޅާވެ، މިކަމުގެ ޑިމާންޑު ބޮޑުވަމުންދާތީ މި ވިޔަފާރީގައި އުޅޭ މި ސަރަހައްދުގެ ބައެއް ގައުމުތައް ކަންބޮޑުވާން ފަށާފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ. އެހެން ނަމަވެސް މި ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ މެޝިނަރީތަކާއި އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.