ބުޅާ ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމައިފި
ދެންމެ | 04 ނޮވެމްބަރ 2024

ވިޔަފާރީގެ އުސޫލުން ވިއްކަން ރާއްޖެއަށް ބުޅާ އެތެރެކުރުން ވަގުތީ ގޮތުން މަނާކުރަން ނިންމާފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންދިޔުމަށް ހުޅުމާލޭގައި ހެދި ކެޓް ޝެލްޓަރު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުޅުވައިފައެވެ. އޮޅޫ ހިޔާގެ ނަމުން ނަން ދީފައިވާ މިތަނަށް ބުޅާތައް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އެނިމަލް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ރަމީލާ ވިދާޅުވީ މަގުތަކުގައި އުޅޭ ހުރިހާ ބުޅާތަކެއް ކެޓް ޝެލްޓަރަށް ބަދަލު ކުރުމުން، ވިޔަފާރީގެ އުސޫލުން ރާއްޖެއަށް ބުޅާ އެތެރެކުރުން ވަކި މުއްދަތަކަށް މަނާކުރާނެކަމަށެވެ. ސަބަބެއްކަމަށް މިނިސްޓަރު ވިދާޅުވީ ކެޓް ޝެލްޓަރުން ބުޅާ އެޑޮޕްޓްކުރުމުގެ ފުރުސަތު އޮތުންކަމަށެވެ.

ޖަނަވާރުންގެ ރައްކާތެރިކަމާ ބެހޭ ބިލް މިހާރު ޑްރާފްޓް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ރަމީލާ ވިދާޅުވީ ، ޕެޓްގެ ގޮތުގައި ގެންނަ ދިރޭތަކެތި ރާއްޖެ އެތެރެކުރުން ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް އެ ބިލްގައި ހިމަނާފައިވާކަމަށެވެ.

”އެ ބިލްގައި ވާނީ ޕެޓްގެ ގޮތުގައި ރާއްޖެއަށް އެތެރެކުރެވޭ އެއްޗެއްސަށް ކޮންޓްރޯލް މެކޭނިޒަމެއް ލާނެ ގޮތް ވެސް އެބަ އޮވޭ. އެހެންވީމަ މިހާރުގެ ޕްލޭންގައި އެބަ އޮތް ހުރިހާ ބުޅާތައް ޕެޓްކެއާ ފެސިލިޓީއަށް ނެގީމަ، ކޮންމެވެސް މުއްދަތަކަށް ވިޔަފާރީގެ އުސޫލުން ވިއްކުމަށްޓަކައި ބުޅާ އެތެރެކުރުން ހޯލްޑްކުރާނީއޭ.“ ރަމީލާ ވިދާޅުވިއެވެ

ޝެލްޓާގައި ބުޅާތަކަށް ކާންދިނުމާއި، ބޭސްފަރުވާ ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފައިވެއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުން ބުޅާތައް ޝެލްޓާއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!