ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުގެ އަތުން ޓެކުހާއި ފީ ނެގުމާއި ރާއްޖޭގެ ޓޫރިޒަމާއިބެހޭ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ބޮޑުކުރުމަށާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ، ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކުރުމަށް ހުށައެޅި ބިލުތައް ފާސްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
މި ބިލުތަކުގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގަމުން އަންނަ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ރޭޓަށް ވަނީ ބަދަލުގެނެސްފައެވެ. އެ ގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ބަލާ މުދަލާއި ޚިދުމަތްތަކުން 1 ޖަނަވަރީ 2023 އިން ފެށިގެން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ނަގަމުން އައި 16 އިންސައްތަ (ސޯޅަ ޕަސެންޓް) ނެގޭނީ 30 ޖޫން 2025 ގެ ނިޔަލަށް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
އަދި އޭގެފަހުން ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، 1 ޖުލައި 2025 އިން ފެށިގެން ޓީ.ޖީ.އެސް.ޓީ ރޭޓް 17 އިންސައްތައަށް (ސަތާރަ ޕަސެންޓަށް) އިތުރުވާނެކަމަށް ބިލުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރަތައް، ޓޫރިޒަމް މުދަލެއް ނުވަތަ ޚިދުމަތެއްގެ ގޮތުގައި ޝަރުޠު ހަމަވާ ޚިދުމަތްތަކުގެ ތެރެއިން ވަނީ އިސްތިސްނާ ކޮށްފައެވެ. މި އިޞްލާޙުގެ ދަށުން، މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ކެފޭތައް ވެސް މި އިސްތިސްނާގައި ހިމެނެއެވެ.
އެއަރޕޯޓުން ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 31 އޮކްޓޫބަރު 2024 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެވެ.