ބައިޑަން އެންމެ ފަހުން މުހައްމަދާއި ބައްދަލު ކުރައްވަނީ.
ދެންމެ | 02 ޖުލައި 2022

އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދުއިރުމައްޗަށް ކުރައްވާ ޚާއްސަ ދަތުރެއް މި މަހު އޮންނާނެ ކަމަށް ވައިޓް ހައުސް އިން އޮތީ ބުނެފަ އެވެ. ބަރާބަރު ތާރީޚު އާންމުކޮށްފައި ނެތަސް އޮފިޝަލުންގެ މެދުގައި އެ ތާރީޚް އޮތީ ހަމަޖައްސާފަ އެވެ.

ބައިޑަންގެ ދަތުރުގައި ސައޫދީއަށް ވަޑައިގަންނަވާ ގޮތަށް ވެސް އޮތީ ހަމަޖެހިފަ އެވެ. ސައޫދީއަށް ވަޑައިގެންނެވި ނަމަވެސް، ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)އާ ބައްދަލުނުކުރައްވާނެ ކަމަށް ކުރިން އޮތީ ވިދާޅުވެފަ އެވެ.

ސައޫދީއަށް ވަޑައިގަންނަވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ބާރުއެޅުއްވުމަށް ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ. އެހެންނަމަވެސް ބައިޑަން މިހާރު ވިދާޅުވަނީ ކުރިން ވިދާޅުވި ގޮތަކަށް ނޫނެވެ.

ބައިޑަން ކުރިން ވިދާޅުވި ގޮތުގައި އެމްބީއެސްއާ އެކު ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެކަމަކު ވަކިން ބައްދަލުނުކުރައްވާނެ ކަމަށެވެ.

އެހެން ނަމަވެސް މިހާރު ވިދާޅުވަނީ ސައޫދީއަށް ކުރައްވާ ދަތުރުގައި ސަލްމާން ރަސްގެފާން އަދި މުހައްމަދު ބިން ސަލްމާއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

ތެޔޮ އުފައްދާ އަދަދު އިތުރުކުރަން އެދިވަޑައި ގަންނަވާނަންތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ބައިޑަން ވިދާޅުވީ އެކަމަށް އެދި ވަޑައިގަންނަވާނީ ހަމައެކަނި ސައޫދީ ކިބައިން ނޫން ކަމަށެވެ. އެކަމު މެދުއިރުމަތީގައި ތެޔޮ އުފައްދާ ހުރިހާ ގައުމެއް އެއްރޫހެއްގައި އެކަން ކޮށްދެއްވުމަށް ދަންނަވާނެ ކަމަށެވެ.

މި ދަތުރުގައި ބައިޑަން އިޒްރޭލަށް ވަޑައިގަންނަވާނެ އެވެ. ހުޅަނގު ސަހަރާއަށް ވަޑައިގެން ފަލަސްތީންގެ ވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވެސް އޮތީ ހަމަޖެހިފަ އެވެ.

ބައިޑަން ސައޫދީއަށް ވަޑައިގަތުމުގައި އޮތް އަނެއް ބޭނުންމަކީ އަރަބި ގައުމުތަކުން އިޒްރޭލު ބަލައިގަތުމެވެ. އަދި ސައޫދީއާ އިޒްރޭލާ ގުޅުން ބަދަހިކޮށް އިޒްރޭލަކީ މެދުއިރުމަތީ ގައުމެއް ގޮތުގައި ގަލްފު ގައުމުތަކުން ބަލައިގަތުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!