ވެލާނާ އެއާޕޯޓުގެ ފިއުލް ފާމާއި ހައިޑްރެންޓް ސިސްޓަމް ބޭނުން ކުރަން ފަށައިފި
ދެންމެ | 08 ނޮވެމްބަރ 2024

ވެލާނާ އެއާޕޯޓުގެ އައު ފިއުލް ފާމް އަދި ފިޔުލް ހައިޑްރެންޓް ސިސްޓަމް އިފްތިތާޙްކޮށް، ބޭނުން ކުރަން ފަށައިފިއެވެ.

މިއަދު އެއާޕޯޓުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެ ސިސްޓަމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް، ހުސައިން މުޙައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ތަރައްގީ ކުރެވުނު އައު ފިއުލް ފާމާއެކު، އެއާޕޯޓުގައި ތެޔޮ ރައްކާކުރާ މިންވަރު 13.5 މިލިއަން ލީޓަރުން، 45 މިލިއަން ލީޓަރަށް އިތުުރުވާނެއެވެ. އަދި އަލަށް ގާއިމްކުރެވުނު 8.4 ކިލޯމީޓަރުގެ ދިގު ހައިޑްރެންޓް ސިސްޓަމާއެކު، ތެޔޮ ރައްކާ ކުރާ ފާމް އިން ފެށިގެން ފްލައިޓްތައް ޕާކު ކުރާ ސަރަހައްދާ ހަމައަށް ހަލުވި ކަމާއެކު މަތިންދާ ބޯޓުތަކަށް ތެޔޮ އެޅުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފައެވެ.

މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމުގައި މުޅިން ވެސް ބޭނުންކުރަމުން އައީ ރިފިއުލާއެވެ. އެގޮތުން އޭރު ތެޔޮ އެޅުމުގައި ބޭނުން ކުރީ، އޭރުގެ ފިއުލް ފާމް އިން ތެޔޮ ބަރުކޮށްގެން ގޮސް، މަތިންދާ ބޯޓަށް ތެޔޮ އެޅުމުގައި ބޭނުންކުރާ ޓްރަކްއެވެ.

މިއަދު އިފްތިތާޙްކުރެވުނު ސިސްޓަމާއެކު، މިއަދާ ހަމައަށް ފްލައިޓްތައް އިތުރުވެ، އޮޕަރޭޝަން ފުޅާވަމުން ދިޔަ ނަމަވެސް، ތެޔޮ ރައްކާ ކުރާ މިންވަރު އިތުރު ނުކުރެވި އޮތް އޮތުމަށް ޙައްލެއް ވަނީ ހޯދިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!