އެއް އަހަރުތެރޭ ހާސިލުކުރަންޖެހޭ ހުރިހާ ކާމިޔާބެއް ސަރުކާރަށް ހާސިލުކުރެވިފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ މީގެކުރިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންނަށް ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މާބޮޑު ކާމިޔާބީތަކެއް ހޯދިފައި ނެތް ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއް އަހަރެއްގެ ތެރޭގައި އެހެން އެއްވެސް ރައީސަކަށް ކާމިޔާބު ނުކުރެވޭ މިންވަރަށް ކަންކަން ހާސިލުކޮށްފައިވާ ކަމަށެވެ.
”އެއް އަހަރެއްގެ ތެރޭގައި އެހެން އެއްވެސް ރައީސަކަށް ކާމިޔާބު ނުކުރެވޭ މިންވަރަށް، ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ އަހަރު ކާމިޔާބު ހާސިލުކުރަންޖެހޭ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހާސިލުކުރައްވައިފިއޭ،“ އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ގިނަ ވައުފުޅުތަކަކީ އަތްލައިގެން ފެންނަ ތަރައްގީއެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ގިނައިން ހުރީ މުޅި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި އަދި ގައުމު ބިނާކުރުމާ ގުޅުންހުރި ވައުދުތަކެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އިންޑިއާ ސިފައިން މިހާރު ރާއްޖޭގައި ނެތް ކަމަށާއި ގައުމިއްޔަތު ދިރުވާ އާލާކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މީހުން ބިނާކުރުމާއި މުޖުތަމައުގައި ހުރި މައްސަލަތަކަށް ވަރަށް ރަނގަޅަށް ހައްލުތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު ބޮޑު ދަރަންޏެއް އޮތްކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވަނީ އޭގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް އަންނަ އަހަރުން ފެށިގެން ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑު ބާރުވެ، އަތްލެވޭ ތަރައްގީ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.