ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތް: ރައީސް
ދެންމެ | 11 ނޮވެމްބަރ 2024

ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާއި މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އެމަނިކުފާނަށް ނެތްކަމަށެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވޭތުވެދިޔަ 52 ހަފްތާތެރޭގައި އެކަން ފަޚުރުވެރިކަމާއެކު ސާބިތުކޮށްދެއްވާފައިކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވީ އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު މަސައްކަތްކުރެއްވީ ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންގެ ފަރާތުން ހެޔޮވެރިކަމެއްކުރުމަށްކަމަށެވެ.

މީގެކުރީ ސަރުކާރުތަކުން އަޅާނުލާ ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރައްވަނީ ވެސް ރައްޔިތުންނަށްޓަކައިކަމަށާއި، މި މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ އެކަންކަން ހައްލުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!