ރައީސް، ސައުދީ ފަންޑުގެ ސީއީއޯއާ ބައްދަލުކުރައްވައިފި
ދެންމެ | 12 ނޮވެމްބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް މިވަގުތަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ސަޢުދީ ފަންޑުގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ ބައެއް ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތު ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުއާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރިއަށްދާ މަޝްރޫޢުތަކާއި، މަސްވެރިކަމާބެހޭ ސިނާޢަތުގައި ކުރިއަށްދާ އެކި މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވެ އެވެ. އަދި މި މަޝްރޫޢުތަކުގެ މަސައްކަތް އަވަހަށް ނިންމުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ސަޢުދީ ޑިވެލޮޕްމަންޓް ފަންޑުގެ ސީއީއޯ ވަނީ ރާއްޖެ އަށް އެއްބާރުލުން ދިނުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!