މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުން ޗައިނާއިން މަސައްކަތް ފަށައިފި
ދެންމެ | 12 ނޮވެމްބަރ 2024

މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މަސައްކަތަށް ބޭނުންވާ ސާވޭ ކުރުމަށް ޗައިނާގެ އެކްސްޕާޓުންގެ ޓީމެއް ރާއްޖެ އައިސް މަސައްކަތް ފަށައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޝިން ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސައިޓް އިންސްޕެކްޝަން އަދި ފީސިބިލިޓީ ސްޓަޑީ އަވަސް ކުރުމަށް އެ ޓީމުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ރާއްޖެ އައި ޓީމުން މަގުތަކުގެ ހާލަތު ބަލައި، ސާވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރަން ފެށީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. މި މަސައްކަތް ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއު ކުރިއަށްދަނީ ޗައިނާ ސަރުކާރުން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ. މިހާރު މާލޭގެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި މި މަޝްރޫއު ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!