ކުރާ ސަޖިދަ ފުރިހަމަވާނީ ސަޖިދަކުރަން އޮތް ގޮތަށް ސަޖިދަކުރުމުންނެވެ. ސަޖިދަކުރުމުގައި ފުރިހަަމކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެން ސަޖިދަ ކުރުމުންނެވެ. ވީމާ ތިމާއަށް ސަޖިދަ ކުރެވެނީ ރަނގަޅަށްކަން ޔަޤީންކޮށްލައްވާށެވެ!
ހަތްގުނަން މަތީ ސަޖިދަ ކުރުން ވާޖިބުވެގެން ވެއެވެ.
ނަމާދުގައި ވިއަސް އަދި ނަމާދުން ބޭރުގައި ކަމުގައި ވިއަސް ސަޖިދަ ކުރާއިރު ތިމާގެ ހަތް ގުނަން މަތީ ސަޖިދަ ކުރުމީ ވާޖިބު ވެގެންވާ ކަމެކެވެ. ޞައްޙަ ސަލާމަތުން ހުރި މީހަކު ހަތް ގުނަން ސަޖިދާގައި ނުޖައްސައިފިއްޔާ ޢިލްމުވެރިން ވިދާޅުވަނީ ނަމާދު ބާޠިލުވާނެ ކަމަށެވެ.
އެހަތް ގުނަވަނަކީ، މޫނާއި ދެއަތްތިލައާއި ދެކަކުލާއި ދެފައިިތިލައެވެ. މާތް ﷲ ރުއްސުންލެވި އިބްނި ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ h ޙަދީޘު ކުރަށްވާފައި ވެއެވެ. ]عَنِ ابْنِ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ[ ތިމަން ކަލޭގެފާނަށް އަމުރު ކުރެއްވެވިގެން ވަނީ ހަތްގުނަންފުޅު މަތީ ސަޖިދަ ކުރެއްވުމަށެވެ. އެހަތް ގުނަވަނަކީ ކޮބައިކަން ބަޔާން ކުރަށްވަމުން ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައި ވެއެވެ. ]عَلَى سَبْعَةٍ عَلَى الْجَبْهَةِ وَالْكَفَّيْنِ وَالرُّكْبَتَيْنِ وَالْقَدَمَيْنِ[ އެގުނަންތަކުގެ މަތީ ސަޖިދަކުރަންޖެހޭ ހަތް ގުނަނަކީ މޫނާއި ދެއަތްތިލައާއި ދެކަކުލާއި ދެފައިތިލައެވެ.
ނޭފަތް ޖެއްސުމަކީ ސުއްނަތެކެވެ.
ބައެއް ޙަދީޘުތަކުގައި ނޭފަތުގެ ވާހަކަވެސް އައިސްފައި ވެއެވެ. އެހެންކަމުން އިމާމު ޝާފިޢީ ވިދާޅުވަނީ އައުލާ އަދި ސުއްނަތް ގޮތަކީ ނިތް ޖައްސާއިރު ނޭފަތާ އެކީ ޖެއްސުމެވެ. މާތް ﷲ ރުއްސުންލެވި އިބްނި ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ h ޙަދީޘު ކުރަށްވާފައި ވެއެވެ. ]عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أُمِرْتُ أَنْ أَسْجُدَ عَلَى سَبْعٍ وَلاَ أَكْفِتَ الشَّعْرَ وَلاَ الثِّيَابَ الْجَبْهَةِ وَاْلأَنْفِ وَالْيَدَيْنِ وَالرُّكْبَتَيْنِ وَالْقَدَمَيْنِ[ މާނައީ: رَسُولُ اللَّهِ h ޙަދީޘު ކުރަށްވާފައި ވެއެވެ. ސަޖިދަ ކުރަށްވާއިރު، ހަތް ގުނަންފުޅުމަތީ ސަޖިދަ ކުރެއްވުމަށް ތިމަން ކަލޭގެފާނަށް ވަނީ އަމުރު ކުރެއްވެވިގެންނެވެ. އެ ހަތް ގުނަންކޮޅުގެ މުރާދަކީ ނިތްކުރިފުޅާއި ނޭފަތްޕުޅާއި ދެއަތްތިލަފުޅާއި ދެކަކޫފުޅާއި ދެފައިތިލަފުޅެވެ. ހަމައެހެންމެ ތިމަންކަލޭގެފާނަށް އަމުރު ކުރެއްވެވިގެންވަނީ ސަޖިދާގައްޔާއި ރުކޫޢުގައި އިސްތަށިކޮޅު ބޮނޑިކޮށްލައްވައި، އެއްކޮށް ނުލެއްވުމަށާއި ހެދުންކޮޅު ބޮޑިކޮށް ނުލެއްވުމަށެވެ.
ނިތް ޖައްސަންޖެހޭނީ ހުރަހެއް ނެތިއެވެ.
ސަޖިދަކުރާއިރު ހުރަހަކާ ނުލައި ނިތް ޖެއްސުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ތިމާގެ ތާކިހާއާއި ފޮށާ ފަދަ އެއްޗެއް ނިތާއި ސަޖިދަކުރި ތަނަކާއި ދެމެދަށް ހުރަހަކަށް ވެފައިހުރެ ނިތުން ތަންކޮޅެއް ނަމަވެސް ސަޖިދަ ކުރިތަނުގައި ނުޖެހޭނަމަ ސަޖިދަ ޞައްޙައެއް ނުވާނެއެވެ. އަދި ނޭފަތަކީ މުސްތަޤިއްލު ގުނަވަނަކަށް ވެފައި ނޭފަތް އެކަނި ޖައްސައިގެން ވެސް ސަޖިދަ ޞައްޙައެއް ނުވާނެއެވެ.
ނޭފަތަކީ ނިތުގެ ބަޔަކަށްވެސް ނުވާތީވެ އެކަނި ނޭފަތް ޖެއްސުމަކުންވެސް ސަޖިދަ ކަމަކު ނުދާނެއެވެ. ހަމައެހެންމެ ނިތާއެކު ނޭފަތް ޖެއްސުން ވާޖިބު ނުވާނެއެވެ. އަދި ނޭފަތް ނުޖެއްސުމަކުން ސަޖިދަ ބާޠިލްވެސް ނުވާނެ ކަަމަށެވެ. އިމާމު މާލިކާއި ޝާފިޢީއާއި ގިނަ ދަންނަބޭކަލުންގެ މަޛްހަބަކީ މިއީއެވެ. އިމާމު އަބޫ ޙަނީފާ ވިދާޅުވަނީ ނިތާއި ނޭތަފާއި ދެތަނުންކުރެ ކޮންމެވެސް އެއްތަނެއް ޖެއްސުމުން ފުދިދާނެ ކަމަށެވެ. މިޙަދީޘުގެ ބޭރުފުށަށް ބައްލަވާފައި، އިމާމު އަޙްމަދާއި އިބްނު ޙަބީބު ވިދާޅުވަނީ ނޭފަތާއި ނިތާއި ދެތަންވެސް ޖެއްސުން ވާޖިބުވާނެ ކަމަށެވެ. އިމާމު ނަވަވީ ވިދާޅުވަނީ ތިމަންމެންގެ ޢިލްމުވެރިންގެ ބަސްފުޅަކީ މިޙަދީޘުގެ ސީދާ ބޭރުފުށަށް ބަލާނަމަ އެއިން އެނގެނީ ނޭފަތާއި ނިތަކީ އެއްގުނަން ކަމެވެ. ނޫންނަމަ ސަޖިދަކުރުމުގައި އަށް ގުނަން ކަނޑައެޅެނީއެވެ. އަދި ޙަދީޘުގައި ކަނޑައެޅިގެން ގުނަވަނުގެ ޢަދަދަކީ ހަތެއްކަމުގައި އަންގަވާއިރު އަށެއްގެ މާނައެއް ނުނެގޭނެއެވެ. އަދި އެއީއަކީ އެއްވެސް ޢިލްމުވެރިއަކު ޤަބޫލުކުރަށްވާ ކަމެއްވެސް ނޫނެވެ. އެހެންކަމުން ނިތަކީ ނިތެވެ. ނޭފަތަކީ ނޭފަތެވެ. ނިތުގައި ނޭފަތެއް ނުހިމެނެއެވެ. އަދި ބައެއް ޙަދީޘުތަކަށް ބަލާއިރު ހަމައެކަނި ނިތް ޖެއްސުމަށް އަންގަވާފައިވާ ޙަދީޘުތައްވެސް އެބަހުއްޓެވެ. އިމާމު ޝާފިޢީ މާތް ﷲ ރުއްސުންލެއްވި ޢައްބާސްގެފާނުންގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ]عَنْ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إذَا سَجَدَ الْعَبْدُ سَجَدَ مَعَهُ سَبْعَةُ آرَابٍ وَجْهُهُ وَكَفَّاهُ وَرُكْبَتَاهُ وَقَدَمَاهُ[ މާނައީ: رَسُولُ اللَّهِ h ޙަދީޘުކުރެއްވި އަޑު އެކަލޭގެފާނު އެއްސެވި ކަމަށެވެ. އަޅާ ސަޖިދަ ކުރާއިރު އޭނާއާއެކު ހަތް ގުނަން ސަޖިދަ ކުރެއެވެ. އެއީ އޭނާގެ މޫނާއި ދެއަތްތިލައާއި ދެކަކުލާއި ދެފައިތިލައެވެ. އިމާމު ޝާފިޢީ އަލްއުއްމުގައި ވިދާޅުވެފައި ވެއެވެ. ފަރުޟު ސަޖިދަ ކުރުމުގައި ސުއްނަތް ފުރިހަމަ ގޮތަކީ ތިމާގެ ނޭފަތާއެކު ނިތް ޖެއްސުމާއި ދެއަތްތިލައާއި ދެކަކުލާއި ދެފައިތިލަ ޖެއްސުމެވެ. މީހަކު ތިމާގެ ނޭފަތް ނުޖައްސައި އެކަނި ނިތްޖެއްސުމީ ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި މަކްރޫހަ ކަމެކެވެ. އެހެނަސް ސަޖިދަ ކަމުދާނެއެވެ. އެސަޖިދަ އަލުން އިޢާދަކުރާކަށް ނުޖެހޭނެއެވެ.
އަތްތިލައާއި ފައިތިލައިގެ ބަނޑުފުށް ޖައްސަން ޖެހޭނެއެވެ.
ފައިތިލަ ޖައްސާއިރު ޖައްސަންވާނީ ފައިގެ އިނގިލިތަކުގެ ބަނޑުފުށުން ކޮޅެވެ. ސުއްނަތް ގޮތަކީ މިއީއެވެ. އަދި އިނގިލިތަކުގެ ފުށަށް ޖެއްސުމަކީ މަކްރޫހަ ކަމެކެވެ. އިމާމު ޝާފިޢީ މާތް ﷲ ރުއްސުންލެވި އިބްނި ޢައްބާސްގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ]عَنْ ابْنِ عَبَّاسٍ قَالَ أَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَسْجُدَ مِنْهُ عَلَى سَبْعٍ يَدَيْهِ وَرُكْبَتَيْهِ وَأَطْرَافِ أَصَابِعِ قَدَمَيْهِ وَجَبْهَتِهِ[ މާނައީ: رَسُولُ اللَّهِ h މީސްތަކުންނަށް އަމުރު ކުރަށްވާފައިވަނީ މީހާ ސަޖިދަކުރާ އިރު ހަތްގުނަން މަތީ ސަޖިދަ ކުރުމަށެވެ. އެއީ ދެއަތްތިލައާއި ދެކަކުލާއި މޫނާއި ދެފައިގެ އިނގިލިތަކުގެ ކޮޅެވެ. އަތްތިލައިގެ މުރާދަކީ އަތްތިލައާއި އިނގިލިތަކުގެ ބަނޑުފުށެވެ. ފައި ޖައްސާފައި ހުންނަންވާނީ އިނގިލިތަކުގެ ކޮޅު ބަނޑުފުށަށްވާ ގޮތަށެވެ. އިމާމު އިބްނި ޚުޒައިިމާ ޢާއިޝަތުގެފާނުންގެ ކިބައިިން ރިވާކުރަށްވާފައި ވަނީ ކީރިތި ސަޖިިދާގައި އޮންނަވާއިރު ފައިންޕުޅުގެ އިނގިފުޅުތައް ޤިބުލައަށް ވާގޮތަށް ބަހައްޓަވާ ކަމަށެވެ. އަދި މޫނު ފިޔަވައި އަނެއް ހަގުނަވަނުގައި ހުރަހެއް ހުރުމަކީ މައްސަލައެއް ނޫނެވެ. އެބަހީ އަތުގައި އަންގީ ލެއްވުމާއި ފައިގައި އިސްޓާކީން ނުވަތަ ޚުއްފު ލެވިިދާނެކަމެވެ. ނަމަވެސް މޮޅުގޮތަކީ އަތްތިލައާއި ފައިތިލަ ހުޅުވިފައި ހުރުމެވެ.
ސަޖިދާގައި ދެފައިތިލަ ކައިރިކޮށްފައި ނުބޭއްވުން:
ސަޖިދައަށް އޮންނައިރު މޫނު ޖައްސަންޖެހޭނީ ދެއަތްތިލައިގެ ދެމެދުގައެވެ. ދެއަތްތިލަ ބާއްވާފައި އޮންނަންވާނީ ދެކޮނޑާއި ހަމައިގައެވެ. އިނގިލިތައް ކައިިރިކޮށްލާފައެވެ. އެބަހީ ބޮޑުވާ އިނގިލި ކަންފަތު ފޫޅާ ހަމަވާ ގޮތަށެވެ. އަތުގެ ކުޑަހުޅު ކޮނޑާ ހަމައިގައެވެ. ދެފައި ބަހައްޓަންވާނީ ނަމާދަށް ކޮޅަށް ހުންނައިރު ފައި ބަހައްްޓާފައި ހުންނަ ދުރުމިނުގައެވެ. އެއީ ދެފައިގެ ދެމެދު ކައިވަތެއްހައި މިންވަރު ދުރުކުރުމެވެ. މިއީ މިކަން ހަތަރު މަޛްހަބުގައި ވެސް އޮންނަ ގޮތެވެ. ޙަންބަލީ މަޛްހަބުގެ އެންމެ އިސް އެއް އިމާމު ކަމުގައިވާ އިމާމު އިބްނި ޤުދާމާ އަލްމުޣުނީގައި ލިއުއްވާފައި ވެއެވެ. ]وَيُسْتَحَبُّ أَنْ يُفَرِّقَ بَيْنَ رُكْبَتَيْهِ وَرِجْلَيْهِ لِمَا رَوَى أَبُو حُمَيْدٍ قَالَ وَإِذَا سَجَدَ فَرَّجَ بَيْنَ فَخِذَيْهِ غَيْرَ حَامِلٍ بَطْنَهُ عَلَى شَيْءٍ مِنْ فَخِذَيْهِ [ (المغنى: 1/374) (މާނައީ: ސުއްނަތް ވެގެންވަނީ މީހާ ސަޖިދާގައި އޮންނައިރު ތިމާގެ ދެކަކުލާއި ދެފައި ދުރުކޮށްލާފައި ބެހެއްޓުމެވެ. އެއީ މާތް ﷲ ރުއްސުންލެއްވި އަބޫ ޙުމައިދުގެ ރިވާޔަތުގައި އަންނަ ފަދައިންނެވެ. އޭގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ލޮބުވެތި ރަސޫލާ ސަޖިދަ ކުރަށްވާއިރު ދެފައިންޕުޅު ބަހައްޓަވަނީ ދުރުކުރަށްވާފައެވެ. ބަނޑުފުޅުން އެއްވެސް ތަނެއް ފައިންޕުޅުގައި ނުޖެހޭގޮތަށް ބަނޑުފުޅު އުފުއްލަވާފައެވެ.) މިޙަދީޘު ޝަރަޙަ ކުރަށްވަމުން ޢައްލާމާ ޝައުކާނީ ނައިލުލް އައުޠާރު ލިއުއްވާފައި ވެއެވެ. ] (فَرَّجَ بَيْنَ فَخِذَيْهِ) أَيْ فَرَّقَ بَيْنَ فَخِذَيْهِ وَرُكْبَتَيْهِ وَقَدَمَيْهِ[ (ދެފައި ދުރުކުރުމުގެ މުރާދަކީ ދެފައިގެ ފަލަމަސްގަނޑާއި ދެކަކުލާއި ދެފައިތިލައާއި މިތިންތަން ދުރުކޮށްލާފައި ބެހެއްޓުމެވެ.) އަދިވެސް ޝައުކާނީ ވިދާޅުވެފައި ވެއެވެ. ]وَالْحَدِيثُ يَدُلُّ عَلَى مَشْرُوعِيَّةِ التَّفْرِيجِ بَيْنَ الْفَخِذَيْنِ فِي السُّجُودِ وَرَفْعِ الْبَطْنِ عَنْهُمَا وَلَا خِلَافَ فِي ذَلِكَ[ (النيل: 2/297) (އަބޫ ޙުމައިދުގެ ޙަދީޘުން ދަލީލުކޮށްދެނީ ދީނުގައި ޝަރުޢު ކުރެވިގެންވަނީ ސަޖިދާގައި ދެފައި ދުރުކޮށްފައި ބެހެއްޓުން ކަމާއި ބަނޑު އުފުލާފައި ބެހެއްޓުން ކަމެވެ. އަދި މިއީ ދީނުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފުއޮތް މައްސަލައެއް ނޫނެވެ.)
ނަމަވެސް މިހާރަކަށް އައިސް ޙަންބަލީ މަޛްހަބުގެ ފަހުގެ ދަންނަބޭކަލުން ވިދާޅުވަނީ ސުއްނަތް ގޮތަކީ ސަޖިދާގައި އޮންނަ އިރު ދެފައިތިލަ ޖައްސައިގެން އޮތުން ކަމަށެވެ. އެބޭފުޅުން ދަލީލު ނަންގަވަނީ ޢާއިޝަތުގެފާނުންގެ އަރިހުން އައިސްފައިވާ މިޙަދީޘުންނެވެ. އޭގައި އަންނަނީ އެއްރެއަކު އެކަމަނާއަށް ކީރިތި ރަސޫލާ އެކަމަނާގެ އަރިހުގައި އަވަހާރަ ލައްޕަވާފައި ނެތްކަން އެނގިވަޑައިގެން (އަނދިރީގައި) ހޯއްދެވުމުގެ ގޮތުން ތަންތަނުގައި އަތްޕުޅު ލައްވަވަމުން ގެންދަވަނިކޮށް އިތުރު އެކަލޭގެފާނު މުސައްކަކޮޅު މަތީ ސަޖިދާގައި އޮންނަވަނިކޮށް އެކަމަނާގެ އަތްޕުޅު ޖެހުނީ އެކަލޭގެފާނުންގެ ފައިންޕުޅުގައި ކަމަށެވެ. މިޙަދީޘު އެންމެހައި ބޮޑެތި ރާވީންތައް ޢާއިޝަތުގެފާނުންގެ އަރިހުން އަބޫ ހުރައިރާ ރިިވާކުރެއްވި ކަަމަށް ގިނަގުނަ ރިވާޔަތްތައް އެތަކެއް މަގަކުން ރިވާކުރަށްވާފައި ވެއެވެ. އޭގައި މިފަދައިން އައިސްފައި ވެއެވެ. ]عَنْ أَبِي هُرَيْرَةَ عَنْ عَائِشَةَ فَوَقَعَتْ يَدِي عَلَى بَطْنِ قَدَمَيْهِ وَهُوَ فِي الْمَسْجِدِ وَهُمَا مَنْصُوبَتَانِ[ (މާނައީ: ތިމަން ކަމަނާގެ ދެއަތްޕުޅު ޖެހުނީ އިތުރު އެކަލޭގެފާނު މުޞައްލަކޮޅުމަތީ ސަޖިދާގައި އޮންނަވަނިކޮށް ދެފައިތިލަ ފުޅުގައެވެ. އޭރު އޮންނެވީ ދެފައިތިަލފުޅު ކޮށްޅަށް ޖައްސަވައިގެންެނެވެ.)
ދެފައި ޖައްސައިގެން އޮތުމަށް ބުރަވެ ވަޑައިގަންނަވާ ބޭފުޅުން ވިދާޅުވަނި ދެއަތްޕުޅު އެއްފަހަރާ ޖެހޭނީ ދެފައިންޕުޅު ޖެހިފައި އޮންނާތީއެވެ. ދެން މިބޭފުޅުން އިތުރަށް ތާއީދު ހޯއްދަވަނީ އެޙާދީޘާ ބަޔާންވެގެންވާ އެހެން ރިވާޔަތަކުންނެވެ. އެރިވާޔަތް އައިސްފައިވަނީ ހިޝާމު އިބްނި ޢުރްވާގެ އަރިހުންނެވެ. އޭގައިވަނީ ]فَوَجَدْتُهُ سَاجِدًا رَاصًّا عَقِبَيْهِ[ މިފަދައިންނެވެ. (މާނައީ: ތިމަން ކަމަނާއަށް ފެނިވަޑައިގަތީ އެކަލޭގެފާނު ދެފުންނާބުފުޅު ޖައްސަވައިގެން ސަޖިދައަށް އޮންނަވަނިކޮށެވެ.) މިޙަދީޘު ރިވާކުރެއްވީ އިމާމު ބައިހަޤީއާއި އިބްނި ޚުޒައިމާއާއި ޙާކިމެވެ. ބައިހަޤީއާއި އިބްނި ޚުޒައިމާ ޙަދީޘާމެދު އެއްޗެއް ވިދާޅުވެފައި ނުވެއެވެ. ޙާކިމު ވިދާޅުވަނީ އެއީ ދެޝައިޚުންގެ ޝަރުޠުތަކާ އެއްގޮތް ޞައްޙަ ޙަދީޘެއް ކަމަށެވެ. އެހެންނަމެވެސް ދެން ޙާކިމު ވިދާޅުވެފައި ވަނީ: ]وَلَمْ يُخْرِجَاهُ بِهَذَا اللَّفْظِ لَا أَعْلَمُ أَحَدًا ذَكَرَ ضَمَّ الْعَقِبَيْنِ فِي السُّجُودِ غَيْرَ مَا فِي هَذَا الْحَدِيثِ[ (އެހެނަސް އެދެބޭކަލުން މިޙަދީޘު މިލަފުޒުން ރިވާ ނުކުރަށްވާ ކަމަށެވެ. ދެން ޙާކިމު ވިދާޅުވަނީ، ސަޖިދާގައި ދެފައި ޖައްސައިގެން އޮތުމަށް މިނޫން އެހެން ރިވާޔަތެއް އޮތްކަމަކަށް ތިމަން ކަލޭގެފާނަށް އެނގިވަޑައިގެންފައި ނެެތެވެ.) މާނައަކީ ޢާއިޝަތުގެފާނުންގެ އަރިހުން އެޙާދިޘާ ބަޔާންކޮށް އައިސްފައި ހުރި ރިވާޔަތްތައް އެހާ ގިނަވެފައި އެއްވެސްބޭކަލަކު މިރިވާޔަތް ފިޔަވައި ފައިންޕުޅު ޖައްސަވައިގެން އޮންނެވި ކަަމަކަށް ރިވާކުރަށްވާފައި ނުވެއެވެ. އެންމެހައި މުޙައްދިޘުން ރިވާކުރަށްވާފައި ވަނީ ފައިންޕުޅު ކޮޅަށް ބަހައްޓަަވައިގެން އޮންނެވި ކަމަށެވެ. ދެން އަނެއްކޮޅުން މިރިވާޔަތަކީ އިމާމު ޙާކިމު ޞައްޙަކަމަށް ވިދާޅުވިކަމުގައި ވިއަސް ޟަޢީފު ރިވާޔަތެކެވެ. މިޙަދީޘުގެ އެއް ރާވީ ކަމުގައިވާ އަބޫ ބަކުރު މުޙައްމަދު އިބްނި ޢީސާ އައްޠަރަސޫސީއަކީ ]مجهول الحال[ ސިޔަރަތު ސާފުވެފައި ނުވާ ރާވީއެކެވެ. އެހެންކަމުން ޞައްޙަ އެތަކެއް ޙަދީޘެއްގެ މައްޗަށް މިޙަދީޘަށް އިސްކަން ނުދެވޭނެއެވެ. އަދި ޙައިރާންވާން ޖެހޭ ކަމަކީ ނަމާދު ކުރުމުގައި ސާދަ ޖީލު ދިޔައިރުގައި ދެފައި ޖައްސައިގެން ނަމާދު ކުރިބަޔަަކު ނެތިފައި އެގޮތަށް ވިދާޅުވި ޢިލްމުވެރިއަކު ވެސް ނެތްކަމެވެ. އަދި އަޅުގަނޑު ޙައިރާންވާ އަނެއް ކަމަކީ ޢާއިޝަތުގެފާނުންގެ ދެއަތްތިލަފުޅު ކީރިތި ރަސޫލާގެ ދެފައިތިލަފުޅުގައި އެއްފަހަރާ ޖެހުމުން އެއިން ދެފައިތިލަފުޅު ޖެހިފައި ހުރިކަން ސާބިތުވާ ގޮތަކީ ކޮބައިކަމެވެ. ޢައްލާމާ ޝައުކާނީ ވިދާޅުވެފައިވާ ފަދައިން މިއީ ދީނުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފުއޮތް މައްސަލައެއް ވެސް ނޫނެވެ.