ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި، އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރަކު އަވަހާރަވެ އަދި އެ ޕާޓީގެ މެންބަރުންގެ ގެތަކާއި ވެހިކަލްތަކުގައި ހުޅުޖައި ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހިނގައްޖެ އެވެ.
އިގްތިސާދީ ހީނަރުކަމާ ހެދި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކަށް އެތައް ދުވަހެއް ފަހުން މިއަދު ހަމަނުޖެހުން ބޮޑުވީ މިއަދު އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އޮފީސް ދޮށުގައި މުޒާހަރާކުރަން ތިބި މީހުންނަށް ސަރުކާރުގެ ސަޕޯޓަރުން ހަމަލާ ދިނުމާ އެކުގަ އެވެ. ރާޖަޕަކްސަ އިސްތިއުފާ ދެއްވީ އެތައް ބަޔަކު ޒަހަމްވި މި ހަމަނުޖެހުންތަކަށް ފަހުގަ އެވެ.
މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން މިހާރު މުޒާހަރާގެ ބައިވެރިން ގެންދަނީ މަޖިލިސް މެމްބަރުންނާއި އެހެންވެސް ގައުމުގެ ސިޔާސީ ބޭފުޅުންގެ ގެދޮރަށާއި މުދަލަށް ގެއްލުންދީ އެތަންތާގައި އަލިފާން ރޯކޮށް އަންދަމުންނެވެ.
ލަންކާގެ ނޫސްތައް ބުނާ ގޮތުގައި މުޒާހަރާތައް މިހާރު ކޮންޓްރޯލް ކުރަމުންދަނީ ޒުވާނުންނެވެ. އާއްމްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެގައުމުގެ އިދިކޮޅު ލީޑަރ މުޒާހަރާގެ ބައިވެރިންނާއި ގުޅިވަޑއިގެންނެވުމުން މުޒާހަރާގެ ބައިވެރިން ވަނީ އެމަނިކުފާނަށް ވެސް ހަމަލާދީ އެސަރަހައްދުން ފޮނުވާލާފަ އެވެ.