އަޒަރުބައިޖާނުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ޗައިނާ ސަރުކާރުން ފެހި އަދި ކާބަން މަދު ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތިމާވެށީގެ މަސައްކަތްތަކަށް އެފަރާތްތަކުގެ އެއްބާރުލެއްވުން އަބަދުވެސް ލިބިވަޑައިގަންނަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާއިރު، ކާބަން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށްވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި މުސްތަޤްބަލެއްގެ ކަށަވަރުކަން ހޯދުމަށްޓަކައި ރާއްޖެއާއި، ރާއްޖެ ފަދަ ނާޒުކު ޙާލަތުގައިވާ އެހެނިހެން ޤައުމުތަކަކީވެސް ޙަރަކާތްތެރި ލީޑަރުންކަމުގައި ވުމަށް އަޒުމް ކަނޑައަޅާފައިވާ ޤައުމުތަކެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާދެއްކެވި ވާހަކަފުޅުގައި، ދުރުވިސްނުމުގެ ތަޞައްވުރެއްގައި ޢަމަލުކުރައްވަމުން ގެންދަވާ، ލޯ-ކާބަން ސިޔާސަތުތަކުގެ ސަބަބުން، އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން މަސައްކަތް ކުރާނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ކަމަށްގެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކްލައިމެޓް އެކްޝަނަކީ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށާއި ކްލައިމެޓް ފައިނޭންސްގެ އަމާޒަކަށް އެއްބަސްވުމަށް ކޮޕް29 ގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
މި ހަރަކާތް ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ އޮފް ދަ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީ އެންޑް ވައިސް ޕްރިމިއަރ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ދިންގ ސުއެސިއާންގ އާ އެކު ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައެވެ.