މީޑިޔާ ކޮންޓްރޯލް ކުރުމަކީ ގަބޫލު ކުރާ ހަމައެއް ނޫން: ރައީސް
ދެންމެ | 13 ނޮވެމްބަރ 2024

ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު އިސްލާހް ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ.

އެބިލާއި ގުޅިގެން އިދިކޮޅުން ނުރުހުން ފާޅުކުރަމުންދާއިރު، އެ ބިލަކީ ނޫސްވެރިކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

މިކަމާއި ގުޅިގެން ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއް ކޮށްއުޅުމުގެ ޙައްޤު އޮންނާނެ ކަމަށެވެ.

”ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ހަމައެއްނޫން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!