އަޒަރުބައިޖާނުން ރާއްޖޭގައި އިންވެސްޓް ކުރުން އިތުރުކުރަން ދައުވަތު އަރުވައިފި
ދެންމެ | 15 ނޮވެމްބަރ 2024

އަޒަރުބައިޖާނުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓުތައް އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް އިލްހާމް އަލިޔޭވްއަށް ދައުވަތު އަރުވައިފިއެވެ.

ކޮޕް29ގެ ހަވާސާގައި ރައީސް މުއިއްޒުވަނީ އަޒަރުބައިޖާނުގެ ރައީސާ ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، ކޮޕް29 ސަމިޓް، ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް އަޒަރުބައިޖާނުން ކުރައްވާފައިވާ މަސައްކަތްތަކަށާއި، ދިވެހި ވަފުދަށް ދެއްވި މެހުމާންދާރީއަށް ޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދާދި ފަހުން ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފަށާފައިވާކަން ފާހަގަ ކުރައްވައި، އަޒަރުބައިޖާނުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ރައީސް ދައުވަތު އެރުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް އަލިޔޭވް ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ ގުޅުން ބަދަހި ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރާއްޖެއިން ދައްކަމުންދާ ލީޑަޝިޕަށް ތަޢުރީފު ކުރައްވައި، ކޮޕް29ގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންނެވީތީ ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ކޮޕް-29 ސަމިޓަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް ކާމިޔާބު މަންސައަކަށް ހެދުމާމެދު ދެބޭފުޅުން ވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.

އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!