އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެ
ދެންމެ | 03 ޖުލައި 2022

އެމްޑީޕީގެ އެއް ބާނީ މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަވަހާރަވެއްޖެ އެވެ.

ލަތީފް މިއަދު ފަތިހުގެ ވަގުތެއްގައި އަވަހާރަވީ ވަރަށް ގިނަ ދުވަހު ބޮޑު ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ.

ގޯގޯ ލަތީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިއުމަން ރައިޓްސް އެމްސެބެޑަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މަޖިލިސް މެންބަރު ކަމުގައި ހުންނެވުމަށްފަހު 1989 ވަނަ އަހަރު ލަތީފް މެންބަރުކަން ދޫކޮށްލެއްވީ އެ މަގާމުގައި ހުންނަވައިގެން ސިޔާސީ އިސްލާހީ މަސައްކަތްތައް ކުރެއްވުމުގެ ސަބަބުން ހައްޔަރުކުރަން ފެށުމާ ގުޅިގެންނެވެ.

ލަތީފް ފާހަގަކުރެވިފައިވަނީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގަ އެވެ. އެ މަސައްކަތުގައި އެކި ފަހަރު ޖަލުގައި ހައްޔަރުކުރި ނަމަވެސް ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ބަދަލުކުރީ ލަތީފް އެންމެ އިސްކޮށް ހުންނަވައިގެން ހިންގި ސިޔާސީ ހަރަކާތުގެ ތެރެއިންނެވެ.

ލަތީފަކީ އެމްޑީޕީގެ އެއް ބާނީ ކަމަށްވީ ނަމަވެސް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހިޔާލުތަފާތުވެ ޕާޓީގެ ކަންކަމުގައި ލަތީފް ދުރުގައި ހުންނަވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ.

ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ މެންބަރުންނާއި އާންމު ބައެއް ރައްޔިތުން ވެސް ގެންދަނީ ލަތީފްގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!