ގޭންގުތަކަށް ނޫޅެވޭނެ، %100 ހުއްޓުވާލާނަން: މިނިސްޓަރ އިހްސާން
ދެންމެ | 19 ނޮވެމްބަރ 2024

ރާއްޖޭގައި އުޅޭ ގޭންގުތަކަށް އެގޮތުގައި ނުޅޭެވޭނެކަމަށާއި ގޭންގުތައް ހުއްޓުވާލާނެކަމުގެ ވަރުގަދަ އިންޒާރު ހޯމް މިނިސްޓަރު އަލީ އިހްސާން ދީފިއެވެ.

ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމުގެ ގޮތުން މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ނަންނަ މަޝްހޫރު ހިހާ ގޭންގެއް އެއްކޮށް ހުއްޓުވާލާނެކަމަށެވެ. އަދި އެކަން ކުރުމުގެ ހިތްވަރާ ގާބިލުކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެބަހުރިކަމަށް އިހްސާން ވިދާޅުވިއެވެ.

“ މަދެއް ވެސް ނޫން އިނގޭތޯ އަޅުގަނޑުމެން މި ރާއްޖޭގަ މިހާރު މި ހެދިފަހުރި ގޭންގުތައް، ނަން މަޝްހޫރުވެގެން މުޖްތަމައުގެ ކުށްތަކަށް އަރައިގަންނަމުން އަންނަ ގޭންގުތަކުގެ ކަންކަން އެއްކޮށް ހުއްޓުވާނަން. އެކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް،“ އިހުސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ ރާއްޖޭގައި ގޭންގުތަކުގެ ބާރު ގަދަވެފައިވަނީ ކުރީގެ ސަރުކާރުތަކުން ގޭންގުތަކަށް އެއްބާރުލުންދީފައިވާތީކަމަށެވެ. އަދި މި ސަރުކާރުން ގާނޫނުތައް ތަންފީޒުކުރުމަށް މި ގެންގުޅޭ ވިސްނުން ކުރީ ސަރުކާރުތަކުން ގެންގުޅުނަމަ ގޭންގުތައް ފުޅާވެ އެކަމުގެ ބިރުވެރިކަން ބޮޑުނުވީސްކަމަށެވެ.

ރާއްޖޭގައި އެކި ނަންނަމުގައި ގޭންގުތައް ހިންގަމުން އާދެއެވެ. އަދި ދޭތެރެ ދޭތެރެއިން ގުރޫޕް މާރާމާރީތައް ހިންގާ ބައެއް މީހުން ފުރާނަވެސް ވަނީ ގެއްލުވާލާފައެވެ.

ފުލުހުން ކުރިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ގޭންގުތަކުގައި ގިނައިން އުޅެމުން ދަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އެހެންކަމުން ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!