”ކީރިތި ޤުރްއާން ޖަހާފައި ހުރި ތަނެއްގައި ޖިމާޢުވުން“
ދެންމެ | 22 ނޮވެމްބަރ 2024

ރޭޑިޔޯއިން ނުވަތަ އެހެންވެސް ގޮތަކުން ކީރިތި ޤުރްއާން ޖަހާފައި ހުރި ތަނެއްގައި، ނުވަތަ ކީރިތި ޤުރްއާންގެ އަޑު އިވޭ ތަނެއްގައި ޖިމާޢުވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

 

ޖަވާބު:

ﷲ ގެ ކަލާމްފުޅަކީ އެންމެ ޝަރަފުވެރި، އެންމެ މާތް އަދި އެންމެ މަތިވެރި ބަސްފުޅެވެ. އެހެންކަމުން، އެއަށް މާތްކޮށްހިތުމީ މުސްލިމުންނަށް ވާޖިބުވެގެންވާ ކަމެކެވެ.

ކީރިތި ޤުރްއާނާ ލާއިޤުވެގެންނުވާ ޙާލަތްތަކުގައި، ކީރިތި ޤުރްއާން ނުކިޔެވުމާއި، އެފަދަ ޙާލަތްތަކުގައި ކީރިތި ޤުރްއާން އަޑުނޭހުމަކީ، ކީރިތި ޤުރްއާނަށް މާތްކޮށް ހިތުމުގެ ތެރެއިން ހިމެނޭކަމެކެވެ. ޖިމާޢުވުމުގެ ޙާލަތް ހިމެނެނީ މީގެ ތެރެއިންނެވެ. މުސްލިމަކު އޭނާގެ އަނބިމީހާއާ ޖިމާޢުވާން ބޭނުންވެއްޖެނަމަ، ޤުރްއާން ޖަހާފައި ހުރި އެއްޗެއް ނިއްވާލުމަކީ، ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭކަމެކެވެ.

 

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއާ ސުވާލު ކުރެވުނެވެ.

“ރޭޑިޔޯއިން ޤުރްއާން ޖަހާފައި ހުއްޓާ އެ އަޑުއިވޭ ޙާލު ޖިމާޢުވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަހަރެން އެކަން ކުރަނީ ޝުބަހައެއްގެ ސަބަބުންނެވެ. އެ ޝުބުހައަކީ އަހަރެން ދެކޭގޮތުގައި، އެގޮތަށް ޤުރްއާން ޖަހާފައި ބެހެއްޓިމާ ލަޢުނަތްލެއްވިގެންވާ ޝައިޠާނާ ގެއިން ދާނެއެވެ.”

 

ޖަވާބުގައި ވިދާޅުވިއެވެ.

“ޖިމާޢުވާ ހިނދުގައި ކިޔާނޭ ދުޢާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ މިއުންމަތަށް އުނގަންނަވައިދެއްވާފައެވެ. އެއީ އަންނަނިވި ޙަދީޘެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا ، فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ لَمْ يَضُرَّهُ شَيْطَانٌ أَبَدًا )- رواه البخاري (6388) ومسلم (1434) އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ އަނބިމީހާއާއި ޖިމާޢުވާން ވެއްޖެހިނދު ކިޔާށެވެ. بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا (މިދުޢާގެ މާނައީ ﷲގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) ޔާ ﷲ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ!) ފަހެ އެދެމީހުންގެ ދެމެދުން ދަރިއަކު އުފަންވުމަށް މިންވަރުފުޅު ވެއްޖެނަމަ، އެކުއްޖާއާ ދުވަހަކުވެސް ޝައިޠާނަކު ގާތްނުވާހުއްޓެވެ.“

އެންމެ ރަނގަޅުގޮތަކީ މިކަންކަމުގައި ވާރިދުވެފައިވާ ޛިކްރުތަކުގެ މިންވަރަށް ފުއްދާލުމެވެ. އެފަދަ ކަންކަން އިތުރަށްކުރުން ހުއްދަވެގެން ނުވެއެވެ. ޤުރްއާނަކީ އެއަށްވުރެ ބޮޑަށް ޤަދަރުކުރަންޖެހޭ އަދި ޙުރުމަތްތެރިކޮށް ހިތަން ޖެހޭ އެއްޗެކެވެ.” “فتاوى اللجنة الدائمة – المجموعة الأولى” (19 / 357).

 

ޖަވާބުގެ ޚުލާޞާ:

ކީރިތި ޤުރްއާނާ ލާއިޤުވެގެން ނުވާ ޙާލަތްތަކުގައި، ކީރިތި ޤުރްއާން ނުކިޔެވުމާއި ކީރިތި ޤުރްއާން އަޑުނޭހުމަކީ ކީރިތި ޤުރްއާނަށް މާތްކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޖިމާޢުވާ ޙާލަތަކީ މީގެތެރެއިން ހިމެނޭ ޙާލަތެކެވެ. މުސްލިމަކު އޭނާގެ އަނބިމީހާއާ ޖިމާޢުވާން ބޭނުންވެއްޖެނަމަ، ކީރިތި ޤުރްއާން ޖަހާފައި ހުރި އެއްޗެއް ނިއްވާލުމަކީ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!