ދިވެހިރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް (ޑީޖޭޖޭ)ގެ އައު ލޯގޯ އިފްތިތާޙް ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ކުޑަކުދިންނަކީ އޭގެ ޒާތުގައި ކުށްކުރާ ބައެއް ނޫން ކަމަށެވެ. އެކަން އެހެން އޮތްނަމަވެސް މުޖްތަމަޢުގެ ތެރޭ ކަންކަން އޮންނަ ގޮތުން ކުދިން ކުށްތަކަށް ހުށަހެޅި އޭގެއިން ސަލާމަތް ނުވެ ކުށްވެރިންނަށް ވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ކުށުގެ ވެށީގެ އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރައީސްގެ މިއުއްމީދު އަދި ވަޢުދުފުޅު ކާމިޔާބުކޮށް ޑެލިވަރ ކުރުމަށް ޑީޖޭޖޭގެ މަސައްކަތް ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، ކުޑަކުދިން ޢަދުލުގެ ނިޒާމުގެ ތެރެއަށް ނުގޮސް އެކުދިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދީ ކާމިޔާބު ޒުވާނުންނަށް ހެދުމުގެ މަސައްކަތަކީ ޑީޖޭޖޭއާ ހަވާލުކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.
މިހާތަނަށް އެޑިޕާޓްމަންޓުގެ މަސައްކަތް ކުރެވެެމުން އައިއިރު، އެކަށީގެންވާ ވަރަށް ވަސީލަތްތައް ޤާއިމް ކުރެވިފައި ނެތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ އިދާރާއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯއްދަވައި ދެއްވުން ކަމަށެވެ.
ރާއްޖޭގައި ފާހަގަކުރެވޭ ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ކުށްކުރާ ގްރޫޕުތަކުގެ ބިރުވެރިކަން މާލެ ސަރަހައްދާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެބައޮތް ކަމަށާއި މަސްތުވާތަކެއްޗާއި ގްރޫޕުތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށް ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ސަރުކާރުން ދެކެއެވެ.
އަދި އެފަދަ ގްރޫޕުތަކުން 18 ނުފުރޭ ކުޑަކުދިން ރެކްރޫޓު ކުރާ ކަމަށާއި، އެހެންކަމުން އެކުދިން ރިހެބިލިޓޭޓް ކުރުމުގެ އިތުރުން މިފަދަ ގްރޫޕުތަކުގެ ބޮޑުންނާ ހަމައަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.