މިހާރަކަށް އައިސް ގިނަ ބައަކު އެންމެ ބޮޑަށް މަސައްކަތްކުރަނީ ލިބޭ އާމްދަނީ އިތުރުކުރުމަށެވެ. މަސައްކަތްކުރާއިރުވެސް އާމްދަނީ ލިބުން މަދުވެ، ރިޒުޤް ލިބުން ދަތިވާނަމަ ގިނަ ބައަކަށް ކަންތައް ކުރެވޭގޮތަކީ އާމްދަނީ އިތުރުކުރަން ކުރިއަށްވުރެވެސް ބޮޑަށް މަސައްކަތްކުރުމެވެ. ނަމަވެސް ހަމައެކަނި އެކަމަށް މަސައްކަތްކުރުމަކުން ފުދޭކަށް ނެތެވެ.
ކީރިތި ޤުރްއާނުގައި ވަނީ މިފަދައިންނެވެ.
”…އަދި ﷲ އަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (.) އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤް ދެއްވަވާނެތެވެ. އަދި ﷲ އަށް ވަކީލްކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.“
(އައްޠަލާޤް: 2،3)
ވީމާ ރިޒްޤް ލިބުން ދަތިވާނަމަ، އަތްމަތިދަތިވާނަމަ ފުރަތަމަ ކަމަކަށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަން އެބަޖެހެއެވެ. އާމްދަނީ ހޯދަން ކުރާ މަސައްކަތް އިތުރުކުރަންވީ އެއިގެ ފަހަތުންނެވެ. ރިޒްޤް ދެއްވަވަނީ ﷲ އެވެ. ވީމާ ފުރަތަމަކަށް އޮތީ ރިޒްޤް ދެއްވަވާ ﷲ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ.
އާޔަތުގައި އެވަނީ އެއިރުން ހީވެސްނުކުރާފަދަ ގޮތްގޮތުން ﷲ އޭނާއަށް ރިޒްޤް ދެއްވަވާނެކަމަށެވެ.