ބައިވެރިޔާ އާއި ހުތުރުބަހުން މުއާމަލާތް ނުކުރޭ!
ދެންމެ | 30 ނޮވެމްބަރ 2024

މިޒަމާނުގައި ދިރިއުޅޭ ބައެއް މީހުން މިޒަމާނުގައި ދިރިއުޅުނަސް އެމީހުންގެ ޢަމަލުތައް ހުރީ މާކުރީގެ ޒަމާންތަކުގައި މީސްތަކުން ޢަމަލުކުރަމުން އައި ގޮތަށެވެ. ރުޅިއައުދެވޭއިރަށް ދަނީ ފުންމައިގެންނެވެ. ދުލުން ބުނަނީ ހަރުކަށި ނުބައިބަސްތަކެވެ. އަދި އަތްފައިން އަނިޔާވެސް ކުރެއެވެ. މިނުބައި އާދަ ދޫކޮށްލަން އެބަޖެހެއެވެ.

ބައިވެރިޔާ، އެއީ އަނބިމިހާނަމަވެސް އަދި ފިރިމީހާ ނަމަވެސް އޭނާގެ ކިބައިން ހެވަކަށް އެދޭނަމަ، ނުވަތަ ކަމެއް އިޞްލާޙްކުރަން އެދޭނަމަ ފުރަތަމަ ކަމަކަށްވެސް ރިވެތި ޢިބާރާތުން މަޑުމައިތިރިކަމާއެކު ވާހަކަދައްކައި މުޢާމަލާތުކުރާށެވެ! އެކަންކުރަން ﷲ ތަޢާލާ އަންގަވާފައިވަނީ އެގޮތަށެވެ.

އަހުރެން ބަލައިލާނީ މޫށާގެފާނުގެ ވާހަކައަށެވެ. ފިރުއަޢުނުގެ ހުރި ނުބައި ނުލަފާކަމާ ޖައްބާރުކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އޭނާ އިޞްލާޙްނުވާނެކަންވެސް ދެނެވޮޑިގެންވެއެވެ. އެހެންކަމާއިއެކުވެސް މޫސާގެފާނަށް އެންގެވީ އަކް ހާރޫނުގެފާނާއިއެކު ވަޑައިގެން ފިރުއަޢުނާއި ރިވެތި ބަހުރުވައިން މުޢާމަލާތުކުރެއްވެވުމަށެވެ. ކެތްތެރިވެވަޑައިގަތުމަށެވެ.

ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ މިފަދަ ވާހަކަތައް އެހައި ލުއިކޮށް ނުނަގާށެވެ. އެއީ ހަމައެކަނި ހަރުކަށި ޖައްބާރުންނާއި މުޢާމަލާތުކުރަން އޮތް ގޮތް ކަމަށް ނުދެކޭށެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަން އޮތްގޮތް ކަމަށް ދެކޭށެވެ.

މިއަދު އެއްވެސް މީހަކު އަނެކަކު ދެކެ ބިރެއް ނުގަންނާނެއެވެ. ކައިވެނި ރޫޅިދާނެތީވެސް ބިރެއް ނުގަންނާނެއެވެ. ތިމާއަށްވެސް މަގެއް ފެންނާނެ ކަމުގެ ޔަޤީންކަން ކޮންމެ މީހަކަށްވެސް އޮންނާނެއެވެ. ވީމާ މައްސަލަ ޙައްލުކުރަން ބޭނުންވާނަމަ ބިރުދެއްކުމުގެ ބަދަލުގައި އޯގާތެރިވާށެވެ. އެއިރުން ކުރާ ފައިދާ މާބޮޑުވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!