މުޅި ރާއްޖޭގައި ޓޮބޭކޯ ސިޒޭޝަން ކްލިނިކް ގާއިމް ކުރަން ރައީސް ނިންމައިފި
ދެންމެ | 02 ޑިސެމްބަރ 2024

ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި ”ޓޮބޭކޯ ސިޒޭޝަން ކްލިނިކް“ ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ.

މިކަން ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު، މި މައްސަލައާ ގުޅިގެން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ޤާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެއިތުރުން، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ޚިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ދިވެހި ރައްޔިތުންނަކީ ދުޅަހެޔޮކަންމަތީ އުޅޭ ބަޔަަކަށް ހެދުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު ގިނަ އިސްލާހުތަކެއް ތަޢާރަފުކުރައްވާފައެވެ.

މީގެތެރޭގައި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނެއެވެ. މީގެ ސަބަބުން ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމަށާއި، ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މި ހުރިހާ ސިޔާސަތުތަކަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަމާޒުކޮށް، ސަރުކާރުން ގެންގުޅުއްވާ ވަރުގަދަ އަޒުމުގެ ހެއްކެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!