މާލެ އިން ތިލަފުއްޓާ ހަމައަށް ގުޅުވައިލާ ބްރިޖުގެ މަސައްކަތުގެ ތެރެއިން ގުޅިފަޅާއި ތިލަފުއްޓާ ދެމެދުން ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުން ދަތުރު ކުރުން ސަރުކާރުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އެހެންވެ ގުޅިފަޅު-ތިލަފުށި ޗެނަލް ބުރާސްފަތި ދުވަހުން ފެށިގެން ބަންދު ކުރާނެ ކަމަށާއި ކަނޑު އުޅަނދުފަހަރު އެ ސަރަހައްދުން ދަތުރު ނުކުރުމަށް އަންގާ ކަމަށް އެ އިއުލާނުގައި ވެ އެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް އިންޑިއާގެ އެހީގައި ކުރީގެ ސަރުކާރުން އަޅަން ފެށި ބްރިޖުގެ މަސައްކަތުން މިހާރު މާލެ އާއި ވިލިމާލެއާ ދެމެދު ވަނީ މައި ތަނބުތައް ޖެހުމުގެ މަސައްކަތް ފަށައިފަ އެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ މުޅި މަސައްކަތް 2026 ގައި ނިންމާލުމަށެވެ.