ނުލިބިހުރި ފައިސާއިން 226 މިލިޔަން ހޯދައިފިން: އެޗްޑީސީ
ދެންމެ | 05 ޑިސެމްބަރ 2024

އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާރު ހޯއްދަވާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 42 ވަނަ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ މަޤާމާ ޙަވާލުވީއިރު އެކިފަރާތްތަކުން އެކުންފުންޏަށް ދައްކަން ޖެހޭ 14 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާރު ހޯއްދަވާފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

“މިއީ މަސައްކަތްތަކެއް ނުކުރެވި ހުރުމުގެ ނަތީޖާ އަޅުގަނޑުމެންނާ މިބައްދަލުކުރަނީ.” ފަޒުލް މިއަދު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ފަޒުލް މިއަދު ވިދާޅުވީ އެޗްޑީސީއަށް ނުލިބުހުރި ފައިސާ ހޯދަން މީގެކުރިން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނެތް ކަމަށެވެ. އެގޮތުން ނުލިބިހުރި ފައިސާގެ ތެރޭގައި އެކިފަރާތްތަކަށް ދޫކޮށްފައިހުރި ބިމާއި އިމާރާތްތަކުގެ ކުއްޔާއި ޑިވެލޮޕްމަންޓް އެންޑް ސޭލްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާވެސް ހިމެނޭކަން ފަޒުލް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފަޒުލް ވަނީ އެކުންފުންޏަށް ފައިސާ ނުލިބޭ ބިލްތައް ހުރި ފަރާތްތަކުން ބިޑްތައް ހުށަހެޅި ނަމަވެސް އިތުރަށް ބަލައިނުގަންނަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!