ރައީސް ޑރ. މުއިއްޒު އއ. އާއި ކ. އަތޮޅަށް
ދެންމެ | 08 ޑިސެމްބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނު މިއަދު ވަޑައިގަންނަވާނީ އއ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެއީ ތޮއްޑު އާއި ރަސްދު އާއި މަތިވެރިއަށެވެ.

އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ތޮއްޑުއަށެވެ. އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލު ކުރެެއްވުމަށް ފަހު ރައްޔިތުންނާ ވެސް ރައީސް މިއަދު ބައްދަލު ކުރައްވާނެ އެވެ.

އެ އަށް ފަހު، ރަސްދު އަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލު ކުރައްވައި، އުކުޅަހު ކައުންސިލާ ވެސް އެ އިދާރާގައި ބައްދަލު ކުރައްވާނެ އެވެ.

ހަވީރު މަތިވެރިއަށް ވަޑައިގެން އެ ރަށު ކައުންސިލްގެ އިތުރުން ހިމަންދު އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި މާދަމާ ކ. އަތޮޅުން ވަޑައިގަންނަވާނީ ގާފަރާއި ހުރާ އަދި ހިންމަފުއްޓަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!