ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން، ތުނޑި/ދުންފިނިއުފާ، އަޙްމަދު ފާތިހު، މެއި 6 ވަނަ ދުވަހުގެ ހަމަލާ ދިން އިރުވެސް ހުރީ ފުލުހުންގެ ވަޒީފާގައިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
2021 މެއި 6 ވަނަ ދުވަހު ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު ހައްޔަރު ކުރިއިރު ވެސް ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ބުނާ ވާހަކަތަކެއް ދަނީ ދައުރުވަމުންނެވެ.
މިރޭ ފުލުހުންގެ ޚިދުމަތުން އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި
ލ. ގަން، ތުނޑި/ދުންފިނިއުމާ، އަޙްމަދު ފާތިހު، އަކީ އެ ހަމަލާ ދެވުނު އިރު އަދި ހައްޔަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއްކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.
”އަޙްމަދު ފާތިހު ފުލުހުންގެ ވަޒީފާ އާއި 2018 ނޮވެމްބަރ 25 ވަނަ ދުވަހު ގުޅުމަށްފަހު، 2021 ފެބްރުއަރީ 03 ވަނަ ދުވަހު ވަނީ އަމިއްލައަށް އެދިގެން ފުލުހުންގެ ވަޒީފާއިން ވަކިވެފައެވެ. މިމައްސަލައިގެ ތަޙުޤީޤުކުރެވެމުން ދިޔައިރު، ތަޙުޤީޤު ހިނގާ ނުހިނގާގޮތް ބެލުމަށް އެކުލަވާލެވުނު ހުރިހާ ފަރާތަކާ ދިވެހި ފުލުހުންގެ ޚިދުމަތުންވާނީ އަހުމަދު ފާތިހު އަކީ ހަމަލާދެވުނު އިރު އަދި ހައްޔަރުކުރެވުނު އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ނޫންކަން ބަޔާންކޮށްފައެވެ.“ ފުލުހުން ވިދާޅުވެފަ ވެއެވެ.
މީގެ އިތުރުން އެ މަޢުލޫމާތަކީ މިޑިއާތަކަށް ވެސް ކުރިން ފޯރުކޮށްދީފައިވާ މައުލޫމާތެއްކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ