އެނގިފައިވާ ގޮތުގައި، ފުލުހުން މިހާރު ވެސް އަންނަނީ ބައެއް ޓެކްސީތައް ޓޯކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި މިހާތަނަށް ވިއްސަކަށް ޓެކްސީ ވަނީ ޓޯކޮށްފަ އެވެ.
ބައެއް ޓެކްސީތަކުން މިރޭ ވަނީ ހުޅުމާލޭގެ ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ސިނަމާލެ ބްރިޖު ކައިރީގައި ޓެކްސީތައް ޕާކްކޮށްފަ އެވެ. އިހުތިޖާޖު ކުރުމުގެ ގޮތުން ޓެކްސީ ޑްރައިވަރުން އެކަން ކުރި ނަމަވެސް އޭގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫވެ، ހުޅުމާލޭގެ ޓްރެފިކަށް ބުރޫއެރި އެވެ.
އެކަން ކޮންޓްރޯލްވީ ފުލުހުން ނުކުމެ، ޓެކްސީތައް ދުރަށް ޖައްސައި ޓޯކުރަން ނިންމި ހިސާބުންނެވެ. ބައެއް ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އެކަމަކު، ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާކުރަމުން ދަނީ މާލެ އާއި ހުޅުމާލޭގައި މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމުގެ ބޭނުމުގައި ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށެވެ. އެކަމަކު، އޭގެ އެއްވެސް އަމަލީ މަސައްކަތެއް ސަރުކާރުން އަދި ނުފަށަ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ޓެކްސީ ޑްރައިވަރުން އެ އިހުތިޖާޖު ފެށީ ދުއްވާ އެއްޗިއްސަށް ހުޅުމާލެއިން ހައިވޭއަށް ނޭރޭ ގޮތަށް އެ މަގު ބްލޮކް ކުރުމަށް ފަހުގަ އެވެ. މަގު ބްލޮކުރީ ޓެކްސީ ޑްރައިވަރުންގެ ކާރުތައް މަގު މެދަށް މަޑުކޮށްގެންނެވެ. ނަމަވެސް، ފަހުން ފުލުހުން ގޮސް ވަނީ ޓެކްސީތައް ދުރަށް ޖައްސުވައި އެ މަގުން ދަތުރުކުރެވޭނެ ގޮތް ހަދައިފަ އެވެ.
ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި، ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ އެވެ. ޑްރައިވަރުން މި ވަގުތު ތިބީ ޓެކްސީ ފްލީޓާ އެކު، އެ މީހުންގެ މުސްތަގުބަލަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ، ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ ”ބަންޑުންވާ“ ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު އަމީން ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމަށެވެ.