އަހުރެންގެ ދަރުސްތަކުގައި ވަރަށް ގިނައިން ކިޔައިދެވޭ ޙާދިށާއެއްގެ ވާހަކަ މިރޭވެސް ކިޔައިދޭނަމެވެ. މިޙާދިށާގެ ވާހަކަ އަޑުއިވުމުން އެޙާލަތު ހިތަށް ނަގައިގަންނަން ފަސާހަވެގެންދާތީއެވެ.
އަހުރެން ތަޢްލީމީ އިންސްޓިޓިޔުޓެއްގެ ލައިބްރަރީއަކަށް ވަންދުވަހެކެވެ. ތަންތަނަށް ވަންނަމުންގޮސް ދަރިވަރުންތަކެއް ކޮމްޕިޔުޓަރުތަކުގެ ކުރިމަތީގައި ތިއްބައި އެތަނަށް ވަދެވުނެވެ. އެތަނުގައި އިން އެއްކުއްޖަކު ބަލަމުން ދިއައީ މުސްލިމުން ބެލުން ހުއްދަ މަންޒަރުތަކެއް ނޫނެވެ.
އޭނާ އެކަމުގެ ތެރެއަށް ގެއްލިފައި އިންދައި ފަހަތުން މަޑުމަޑުންގޮސް އޭނާގެ ކޮނޑުގައި ހިފައިލީމެވެ. ނުފެނި ހުރެ ސުވާލުކުރީމެވެ. ”އަހުރެންނަކީ މަރުގެ މަލާއިކަތާއެވެ. ތިއައިނީ އަހުރެންނާއިއެކު ދާން ތައްޔާރަށް ހެއްޔެވެ؟“ އެހިސާބުން އޭނާ ދިއައީ ސިއްސައިގެންނެވެ.
ކޮންމެއަކަސް އޭނާއަށް އެވަޤުތު ކުރެވުނު އިޙްޞާޞްތަކުގެ ނަތީޖާ މިއަދު ފެންނަނީ އެންމެ އުފާވެރިގޮތުގައެވެ. މިއަދު އޭނާއަކީ ޒިންމާދާރުކަމާއިއެކު ޢާއިލީ ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާނެކެވެ. އެންމެ ބޮޑު އުފާވެރިަކމެއް ލިބެނީ އޭނާއަކީ ދީނަށް ދަޢުވަތުދޭ މީހަކު ކަމަށްވުމުންނެވެ.
އަހުރެން ބުނެލަން ބޭނުންވަނީ މީހަކަށް ކަމެއް ވިސްނައިދޭން ނަޞޭޙަތްދޭއިރުވެސް ވިސްނުންތެރިކަމާއިއެކު އެކަންކުރާށެވެ. އަނެކާއަށް ވިސްނައިދީގެން އިޞްލާޙްކުރުވަން މަސައްކަތްކުރާށެވެ. ޙިކުމަތްތެރިކަން އިސްކުރާށެވެ! ނަތީޖާ ފެންނާނީ އެއިރުންނެވެ. އިން ޝާ ﷲ
ވިސްނާށެވެ! އެދުވަހު އެވަޤުތު އެތަނަށްވަދެވުނީ އަހުރެންނަށެވެ! އެކަމަކު އެފަދަ ވަޤުތެއްގައި ހަމަ ޙަޤީޤަތުގައިވެސް އޭނާގެ ފުރާނަ ހިއްޕަވަން މަލަކުލްމައުތު ވަޑައިގެންނެވިނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟ އޭނާގެ ނިމުންވާނީ ކޮންފަދަ ނުބައި ނިމުމަކަށް ހެއްޔެވެ؟ ވީމާ ވިސްނަންވީ އޭނާ އާއިމެދަކު ނޫނެވެ. ތިމާއަށް މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ތިބާގެ ނިމުމާއި ކުރިމަތިލާންޖެހޭނެ ބިރުވެރި، ހިތާމަވެރި ގޮތާއިމެދުގައެވެ.
– ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން