”ޔަގީން ކުރައްވާ، ކުރިއަށް އޮތީ ނަތީޖާ ނެރޭނެ އަހަރެއް“
ދެންމެ | 15 ޑިސެމްބަރ 2024

ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސައްކަތް ފެންނާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. އޮމަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނިމިގެންދިޔަ އަހަރުތެރޭ ބަޖެޓުގެ ތެރެއިން ޖާގަ ނެތުމުގެ ސަބަބުން ބޭނުން ގޮތަށް ކަންކަން ނުކުރެވުނު ކަމަށާއި ނަމަވެސް ކުރިއަށް އޮތް އަހަރު ކަންކަން ތަފާތުވާނެ ކަމަށެވެ.

އެގޮތުން އޮމަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް އެ ރަށުގައި ފުރިހަމަ ބަނދަރެއް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވީ، ހިނގަމުންދާ އަހަރުގެ ބަޖެޓުގެ ތެރެއިން ކަންކަންކުރަން ދަތިތަކެއް ހުރިނަމަވެސް ފެށޭ އަހަރުގެ ބަޖެޓުން ވަރަށް ގިނަ މައްސަލަތަކަށް ހައްލު ގެނެވޭނެކަމަށާއި، އެގޮތުން ހުރިހާ މައްސަލައެއް ހައްލުވާނެ ފުރިހަމަ ބަނދަރެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރުގެ މަޝްރޫޢުއާއެކު އޮމަދޫގެ ރަށްގިރުގެ މައްސަލަވެސް އަންނަ އަހަރުގެ ކުރީކޮޅު އެންމެ އިސްކަމެއްދީގެން މަސައްކަތް ކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު އޮމަދޫގައި ކުޅިވަރުގެ ވަސީލަތްތައްވެސް ތަރައްޤީކޮށްދެއްވާނެކަމަށާއި، އެގޮތުންއަންހެންގެ ހޭންޑްބޯލް ކޯޓަކާއެކު ކުޅިވަރުގެ އިތުރު ވަސީލަތްތައްވެސް ޤާއިމްކޮށްދެއްވާނެކަމަށެވެ. އަދި ކުނި މަނޭޖުކުރުމަށް މުޅިރާއްޖޭގައި ވަށާޖެހޭ ހައްލެއް ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން އޮމަދޫގެ ކުނި މެނޭޖުކުރާ މަރުކަޒަށް ވަސީލަތް ހޯދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

”މި އަންނަ އަހަރު ވެގެންދާނީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސައްކަތް ފެންނަ އަހަރަކަށް،“ ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި މިހާތަނަށް 180 އަށް ވުރެ ގިނަ ކައުންސިލަކާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!